މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މެމްބަރުން އައްޔަން ކުރުމަށްޓަކައި ދައުރުންބޭރު ޖަލްސާއެއް އެޖެންޑާކޮށްފިއެވެ.
ދައުރުން ބޭރުގައި ބާއްވާ މި ޖަލްސާ އޮތީ މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައެެވެ.
ދައުރުން ބޭރުގައި ބާއްވާ މި ޖަލްސާގެ އެޖެންޑާގައި މަޖިލީހުގެ ރައީސްގެ މޭޒުކޮޅުން ތިން ކަމެއް އިއްވެވުމަށް ވަނީ ތާވަލް ކޮށްފައެވެ. އެގޮތުން ތާވަލްކުރި ކަންތަކަކީ:
އެޖެންޑާ 5:
5.1 ޤާނޫން ނަމްބަރ 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫން) 8 ވަނަ މާށްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް އައްޔަނު ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
5.2 ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި 26 ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރއްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާހެ (ރ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީޙުގެ ރުހުން ހޯއްދެވުމަށް ޓަކައި ރައީސުލްޖުމުްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
5.3 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 200 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2 މެމްބަރުން އައްޔަންކުރެއްވުމަށްޓަކައި ޤާނޫނު ނަމްބަރ 13/2008 (އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫން)ގެ 4 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން.
އެޖެންޑާ 6 ގައި ކޮމިޓީތަކުން ހުށަހަޅާ ތިން ކަމަކީ:
6.1 ޤާނޫނު ނަމްބަރ 16/2010 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫން) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަސް 2 މެމްބަރުން އައްޔަން ކުރުމަށްތަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް
6.2 ޤާނޫނު ނަމްބަރ 8/2008 (އިލެކްޝަން ކޮމިޝަނުގެ ޤާނޫން) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އިލެކްޝަން ކޮމިޝަނަށް 2 މެމްބަރުން އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހުރިއޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް
އެޖެންޑާ 7.1 ގައި ވަނީ ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަސް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މެމެބަރުން އައްޔަން ކުރުމަށްޓަކައި ދައުރުންބޭރު ޖަލްސާއެއް އެޖެންޑާކުރިއިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިންތިހާބުތަކާ ބެހޭ ކޮމިޝަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައެވެ.
އީސީގެ ބިލުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފައިވެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްގެ މަގާމަށް ރައީސް އައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އޭސީސީއަށް ގެނައި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާ އުސޫލަށް ވެސް ވަނީ ބަދަލުގެނެވިފައެވެ. މި އިސްލާހުގައި ވާގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި މި ދެ ޤާނޫނަށް ވަނީ ޢަމަލުކުރަން ފެށިފައެވެ.