އަންނަ ރަމަޟާން މަހު، ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ.
މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މިފްކޯ އިން ބުނީ އެހެންވެ، އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
މިފްކޯއިން ބުނީ މިމަސައްކަތް ކުރިއަށްގެންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ގެތަކަށް މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާކަމަށާއި މަސްދަޅު ކޭސް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ 82،000 ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ. ނަމަވެސް މިއަހަރު ރައީސް ނިންމެވީ ކާޑުގެ ބަދަލުގައި ރަމަޟާން މަހު އެންމެ ގިނައިން ގެތަކުގައި ބޭނުންކުރާ މަސްދަޅު ހަދިޔާ ކުރެއްވުމަށެވެ.
ރާއްޖޭގެ ބާޒާރުގައި މިފްކޯއިން އުފައްދާ މަސްދަޅުތަކުގެ ތެރެއިން ތެލުގައި ރައްކާކޮށްފައި ހުންނަ އާދައިގެ މަސްދަޅެއް ލިބެނީ 16 ރުފިޔާއަށެވެ. އެ އަގުން 48 މަސް ދަޅަށް ޖެހޭނީ 768 ރުފިޔާއެވެ. މި އަދަދުން ބަލާނަމަ 82،000 ގޭބިސީއަށް 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ހަދިޔާ ކުރެވޭނެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ.