ރޯދައިގެ ކުރިން ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ލިބޭފަރާތްތަކުގެ ލިސްޓު ނެރޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، މުއިއްޒު އަރިހުގައި ގެންދެވި ނޫސްވެރިއަކު ރޯދައިގެ ކުރިން ލިސްޓް އާންމު ކުރެވިދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރޯދައިގެ ކުރިން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކުރެވޭނެ ކަމަށް،"
"ރޯދައިގެ ކުރިން އިއުލާން ކުރަން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ، އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކުރެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވައުދުވެފައި އޮތް ގޮތައް އެކަން ކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަލަށް އަޅުގަނޑު ގެނައި ބަދަލުގެތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިވަނީ މިނިސްޓަރ މުއްތަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި."
ގޯއްޗާއި ފުލެޓް ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން އެތަންތަން އަތުނުލައްވާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވާ ރައީސް މުއިއްޒު ބުރާސްފަތި ދުވަހު ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ ތެރޭގައި "އިސްތިސްނާ" ވާ ފަރާތްތައް އުޅޭނެ ކަމަށެެވެ.
އެ ގޮތުން އިސްތިނާވާ ފަރާތްތަކުގެ ތެރޭގައި މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯއްޗާއި އަދި އޭސީސީގެ ތަޙުގީގަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް ވެސް ގޯއްޗާއި ފްލެޓު ނުލިބޭނެ ކަމަށާއި، އެހެން ހުރިހާ ފަރާތްތަކަށް ފްލެޓާއި ގޯތި ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އެގްރީމެންޓް ކޮށް ހަވާލު ކޮށްފައިވާ ފްލެޓްތައް މި ސަރުކާރުން ނުދީ ހިފަހައްޓަމުންދާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް އިހްތިޖާޖު ކުރަމުންނެވެ.