އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުނުވުމުން ހިތްހަމަ ނުޖެހިފައި ހުރި ކަމަށް، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ލީގުގައި ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އާސެނަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބްރައިޓަން އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އާޓެޓާ ބުނީ، މެޗުތަކުން މޮޅުނުވުމަކީ އަބަދު ވެސް ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބްރައިޓަންއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި، ޚާއްސަކޮށް އެ ޓީމުގައި ދަނޑުގައި އުނދަގޫ ކަމަށް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ ބްރައިޓަންއާ ދެކޮޅަށް އާސެނަލް އިން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، އެތައް ގޮތަކުން އާސެނަލް ދިޔައީ މެޗު ކޮންޓްރޯލް ކުރަމުން ކަމަށެވެ. އެއާއެކު އާސެނަލް އިން މެޗުގައި ލަނޑެއް ވެސް ޖެހި ކަމަށާއި، އޭގެ ފަހުން ވެސް ރަނގަޅު ފެންވަރެއްގައި ކުޅެމުން ދިޔަކަން އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން އާޓެޓާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލަށް ޖެހުނީ އީތަން އެންވަނޭރީ ބަދަލު ކުރަން ކަމަށެވެ. މެޗުގައި އާސެނަލަށް ލަނޑު ޖަހައިދިން އެންވަނޭރީ ބަދަލު ކުރަން ޖެހުނީ އޭނާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށާއި، އޭގެ ފަހުން އާސެނަލަށް ވަރަށް އާދައިގެ ކަންކަން ވެސް ނުކުރެވިގެން ދިޔަ މަންޒަރު ފެނުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ބޯޅަ ހިފަހައްޓައިގެން، އެއް ފެންވަރެއްގައި ކުޅެވިފައި ނެތް ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ވަނީ ގާތް ގާތުގައި މެޗުތަކެއް ކުޅެން ޖެހިފައިވާކަން ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ ތަފާތު އެކި މުބާރާތްތަކުގައި ކޮންމެ ތިން ދުވަހަކުން ކުޅެން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އާސެނަލްގެ ސްކޮޑަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އާސެނަލްގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، ކުޅުންތެރިން ތިބީ ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދާން ބޭނުންވެފައި ކަމަށް އާޓެޓާ ބުންޏެވެ.
އާސެނަލަށް ދެން އޮތީ ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އޮންނަ އެ މެޗަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، ޓީމުގެ ފަރާތުން ބޭނުން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރީތި މެޗެއް ކުޅުމަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހިތްވަރާއި ހަކަތަ ޓީމަށް ބޭނުންވާ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.
ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އާސެނަލް އިން ނިއުކާސަލްއާ ދެކޮޅަށް ނިކުންނާނީ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.