މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ހޯމަ ދުވަހުން ފެށިގެން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެ އިދާރާއިން ކުރިން ބުނެފައި ވަނީ ބުދަ ދުވަހުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްވާނޭ ކަމަށެވެ.
އޭރު މެޓް އޮފީހުން ބުނީ މިހާރު ކުރަމުން އަންނަ މި ވިއްސާރައިގައި ބޮޑަށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ ހިސާބުތަކަށް ކަމަށެވެ. ނަމަވެސް ދެކުނަށް ވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ އުތުރާއި މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ބުނެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މީގެކުރިން މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ބުނެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފަވާ ކޮޅިގަނޑާއި ގުޅިގެން ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އޭރު ލަފާކޮށްފައެވެ.
ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ އިދާރާއިން ބުނީ ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މިހާރު ލަފާ ނުކުރެވޭ ކަމަށެވެ.
މެޓުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހޯމަ ދުވަހުގެ ނިޔަލަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދުގެ ރަށްތަކުގައި ފެން ބޮޑުވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ. ހަމައެހެންމެ އުދަ އެރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ފާހަގަކޮށް އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ.