އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލާސް ވޭގާސް ހޮޓަލުގެ ކުރިމަތީގައި ސައިބަރޓްރަކެއް ގޮވައިފިއެވެ.
ނެވާޑާގެ ލާސް ވޭގާސްގައި ހުންނަ ޓްރަމްޕް ހޮޓަލުގެ ބޭރުގައި އޮތް އެ ޓްރަކްގައި ތެލާއި، ބަޑިބޭސް ގިނަ އަދަދަކަށް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރައީސް ޓްރަމްޕްގެ ގާތް ފަރާތެއް ކަމަށްވާ އިލޯން މަސްކް ގެ ޓެސްލާ ކުންފުނިން އުފައްދާފައިވާ މި ޓްރަކް ގޮވި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހާދިސާ ގައި ޓްރަކްގެ ޑްރައިވަރު މަރުވެފައިވާ ކަމަށާއި އަދި 7 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މި ހާދިސާގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. އޮފިޝަލުން ބުނާ ގޮތުގައި މީހުންނަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެވެ.
ފުލުހުން ބުނާ ގޮތުގައި މި ޓްރަކަކީ ކޮލޮރާޑޯ އިން ކުއްޔަށް ހިފާފައިވާ ޓްރަކެކެވެ. އަދި ލާސްވެގާސް އަށް އުޅަނދު އައިސްފައިވަނީ އެ އުޅަނދު ގޮވުމުގެ ގާތްގަނޑަކަށް 2 ގަޑިއިރު ކުރިން ނެވެ. ޓްރަކް ގޮވީ ހޮޓަލުގެ ބޭރުގައި ބިއްލޫރި ދޮރެއްގެ ކައިރީގައި ޕާކުކޮށްފައި އޮއްވާ، އެ ވެހިކަލުން ދުން އަރަން ފެށުމަށްފަހު ގައެވެ.
ހާދިސާ އާ ގުޅިގެން ރައީސް ޖޯ ބައިޑަން ވިދާޅުވީ ވައިޓް ހައުސް އިން މި ހާދިސާ އަށް ފަރުވާތެރި ކަމާއެކު ބަލަމުންދާ ކަމަށާއި އަދި އައު އަހަރު ފެށި ދަނޑިވަޅުގައި ނިއު އޯލިއަންސް ގައި ހިނގި ހަމަލާގައި 15 މީހުން މަރުވެފައިވާތީ، އެ ހަމަލާ އާ މި ހާދިސާއާ ދެމެދު ގުޅުމެއް އޮތްތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާ ފުލުހުން ދެއްކި ފުޓޭޖުން ފެންނަ ގޮތުގައި ޓްރަކު ޕާކުކޮށްފައި އޮތީ ހޮޓަލުގެ މައި ދޮރާށީގެ ކުރިމަތީގައެވެ. ގޮވުމުގެ ކުރިން ޓްރަކު އޮތީ އެއްވެސް ހަރަކާތެއް ނެތިއެވެ. އުޅަނދު ގޮވުމާއެކު ބޯ އަލިފާންގަނޑަކަށް އުޅަނދު ބަދަލު ވެގެން ދިޔައެވެ.
މި ހާދިސާ ހިނގީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދައެއް ހަރުކޮށްފައިވާ ޓްރަކެއް ނިއު އޯލިއަންސް ގައި މަގުމަތީގައި ތިބި ބައެއްގެ ގައިގައި ޖެއްސުމުގެ ސަބަބުން މަދުވެގެން 15 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވި ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
ލަސް ވޭގާސް ޕޮލިސް ޑިޕާޓްމަންޓުން ހާމަ ކުރި ގޮތުގައި ނިއު އޯލިއަންސް ހާދިސާ ހިނގި ސަރަހައްދުން އަމިއްލައަށް ހަދާފައިވާ ގޮވާ ތަކެތި ފެނިފައިވާތީ، މި ދެ ހާދިސާއާ ދެމެދު ގުޅުމެއް އޮތްތޯ ދަނީ ބަލަމުންނެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ހޮޓަލުގެ ވެރިފަރާތް ކަމުގައިވާ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ގޮވި އުޅަނދު އުފެއްދި ކުންފުނި - ޓެސްލާގެ ވެރިޔާ އީލޮން މަސްކް އާ ގުޅުން ހުރި ކަމެއްތޯވެސް ބަލަމުންދާ ކަމަށެވެ.
އެފްބީއައި އިން ބުނެފައިވަނީ މި ހާދިސާއަކީ ޓެރަރިޒަމްގެ ޢަމަލެއްތޯ ބަލަމުންދާ ކަމަށެވެ.
އޮތޯރިޓީތަކުން ބުނެފައިވަނީ މިހާތަނަށް ވެހިކަލްގައި މަރުވެފައިވާ ޑްރައިވަރަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް މި ހާދިސާ އަކީ އައިއެސް އާ ގުޅުން ހުރި ކަމެއް ކަމަށް ދައްކާ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށްވެސް އޮތޯރިޓީތަކުން ބުނެފައިވެއެވެ.