ކ. މާލެ
|
1 ޖެނުއަރީ 2025 | ބުދަ 12:04
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އައު އަހަރުގެ ހިތާބު
އައު އަހަރުގެ ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުން - ރައީސް
2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި
އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އިލްތިމާސްކުރެއްވި

އައު އަހަރުގެ ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށެވެ. އަދި ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ކަމަށާއި، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމުގެ އަމާޒާއެކު ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒާއި، ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމާޒު ހާސިލްކުރެވޭނެ ކަމަށެވެ.

ހަމައެހެންމެ، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމާއި، ދުސްތޫރީ އިޞްލާޙުތަކާއި، އެކި ރޮނގުރޮނގުން ސިންދަފާތުކޮށް ފުޅާކުރެވޭ އިޤުތިޞާދާއި، މި ހުރިހައި ކަމަކާއެކީގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މިއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި. އެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ. ނަތީޖާއަކަށް ވާނީ، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާން ފެށުން. މަސައްކަތްތެރީންނަށް ފުރުޞަތުތައް ހުޅުވިގެންދިޔުން. އެއާއެކު، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެން ފަށާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއް ކަމަށެވެ. ޤައުމީ ފެންވަރުގައްޔާއި، ޖަމާޢަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެ ކަމަށާއި، ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުމާއި ވަޢުދުތައް ފުއްދާ، އިތުބާރު ދަމަހައްޓާ އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވެ، މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން ކަމަށެވެ.

އާ އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުން. ޞުލްޙަ މަޞްލަޙަތު އިސްކުރުން. ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަން. އިޙްތިރާމާއި ކުލުނުވެރިކަން. އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރު ކަމަށެވެ. މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އަހަރު ކަމަށާއި، އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރު ކަމަށެވެ. އަދި ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށް ޓަކައި ޒިންމާދާރުކަމާއެކީ ޤައުމު ބިނާކުރުމުގެ އަހަރު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް