ސަރުކާރުން މިހާރު ތިބީ އަނބިމީހާ އާއި ދަރިންގެ ގައިގައި އޮތް ރަން ފައްޓަރުބައިންވެސް ޓެކްސް ނަގާ ހިސާބުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ކުންފުނިތަކާއި ސަރުކާރު ދަނީ ހުސްވުމާ ދިމާލަށް ކަމަށެވެ. މާލީ ގޮތުން މުޅި ސަރުކާރު އޮތީ ދަށް ހާލަތެއްގައި ކަމަށް ފާހަގަކުރައްވާ ޝަރީފް ވަނީ އެކަން އެގޮތަށް ހިނގަނީ ސަރުކާރުން ބަލަންވާ މިންވަރަށް ކަންކަން ނުބެލުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް މާލީ ކަންކަން މެނޭޖް ކުރަން ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
ސަރުކާރުން ވެރިކަމުގައި ހޭދަކުރާ ކޮންމެ ދުވަހަކު އަޑު އިވެނީ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ވައްކަމާއި ދެކޮޅަށް ކަމަށާއި، އެމްޑީޕީ އަކީ އިސްލާހަށް މަސައްކަތް ކުރާ ޕާޓީ އެއް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން އަބަދުވެސް އެދެނީ މި ގައުމަކީ ފަސާދަ މަދު ގައުމަކަށް ވުން ކަމަށާއި އެ ޕާޓީގެ މަސައްކަތްތައް ބައްޓަންކުރަނީ އެގޮތުގެ މަތިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވެރިކަމުގައި ތިބޭ ކޮންމެ ދުވަހަކު ފެންނަނީ ވައްކަމާއި ކޮރަޕްޝަންގެ ކަންކަން އެެހެންވީމަ އަޅުގަނޑުމެން އެދެނީ އިސްތިއުފާ ދިފަ މިއަދުން މިއަދަށް ވެސް ގެއަށް ވަޑައިގަތުން. އަޅުގަނޑުމެން އިންތިހާ އަށް މިކަމާއި މެދު މާޔޫސްވޭ. އިންތިހާ އަށް އަސަރުކުރޭ.ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
މުއައްސާތަކުން ވައްކަންކުރުމުން އެކަން ކަން ފޮރުވަން ސަރުކާރުން އިންތިހާ ދޮގުހަދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވަނީ މި ސަރުކާރުން ބަޖެޓާއި މެދު އާއްމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމަށް ބުނެފައެވެ.
އެގޮތުން 2008 އިން ފެށިގެން ރާއްޖޭގައި އެކުލަވާލަނީ ޕްރޮގްރާމް ބަޖެޓެއް ކަަމަށް ވީ ނަމަވެސް މި ސަރުކާރަށް ކަންކަން ނުކުރެވުމުން ބަހަނާ އަކަށް ދައްކަނީ ބަޖެޓުގެ ވާހަކަކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.