ފްލެޓާއި ގޯތި ނުދީ ރަސްމާލޭގައި ހިންގަނީ ރައްޔިތުން އެތަނަށް އަރާ ހުއްޓުވަން ޖެހޭ ވަރުގެ ޖަރީމާއެއް ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕިގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދިވެހި ރައްޔިތުންނަށް ސަރުކާރުން ދަނީ ތަކުލީފުތައް ޖައްސަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ގޯއްޗާއި ފްލެޓް މަޝްރޫޢުގެ ދަށުން ލިބުނު ފްލެޓާއި ގޯތިތައް ނުދީ ހިފަހައްޓަނީ ސަރުކާރުގެ ޖަރީމާތަކަށް ފުރުސަތުދޭން ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ ރަސްމާލެ ނޫން ކަމަށާއި ބެނުމީ ލިބިފައިވާ ގޯއްޗާއި ފްލެޓް ދޭނެ ދުވަހެއް ސާފުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ ކަންކަން ނުވުމުން ކުރީ ސަރުކާރުން ހިންގާފައިވާ ކަންކަމަށް ކްރެޑިޓް ނަގަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަށް 2 މިލިއަން ފަތުރުވެރިން އައުމަކީ ވެސް މި ސަރުކާރަށް ކްރެޑިޓް ލިބޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެންނަވައި، ބައެއް މިނިސްޓްރީ ތައް ވަނީ އެއްކޮށްލައްވާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ.
މީގެ އިތުރުން ހައުސިންގ އާއި އިންފްރާސްޓްރަކްޗާރ އެއްކޮށްލައި މިހާރު ވަނީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރައްވާފައިވަނީ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ މިނިސްޓަރަކަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ކަމަށް ބަދަލުކުރައްވާފައެވެ. މިނިސްޓަރު މާރިޔާ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ ބަދަލުކުރެއްވިއިރު، އެ މިނިސްޓްރީގައި ކުރިން ހުންނެވި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.
އެ ބަދަލުތަކަށް އަބްދުﷲ ވަހީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަހަރެއްވި އިރު ވެސް ކަންކަން ހަމަޔަކަށް ނޭޅި، ވަޒީރުންގެ މަޖިލީސް ވެސް ރަނގަޅަށް އެކުލަވާނުލެވުމަކީ ފެއިލްވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފައިސާ ދެއްވާ ބޭފުޅުންނަށް ވަޒީރުކަން ދެެއްވަނީ. ރައްޔިތަކަށް ޚިދުމަތެއް ރައްޔިތަކަށް ފަސޭހައެއް ވާނެ އެއްވެސް ކަމެއް ކުރައްވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއަދުގެ ވަޒީރުންގެ މަޖިލިސް އޮތީ ފެއިލްވެފައި.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
ރައީސް މުއިއްޒުގެ ސަރުކާރުގައި މިއީ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ. ބުރާސްފަތި ދުވަހު މި ގެނައި ބަދަލާއެކީ މިހާރު ސަރުކާރުގައި އޮންނަނީ 21 މިނިސްޓްރީއެކެވެ.