ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ހޯދުމުގެ މަސައްކަތް، ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބޭނުންވެގެން ކަަމަށް މީީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ހެމްބާގާ ދޫކޮށްލުމަށް ފަހު، އުމުރުން 28 އަހަރުގެ ޓާ ލެވަކޫސަން އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ އެއްބަސްވުން އައު ކުރުމާ މެދު މިހާތަނަށް ލެވަކޫސަން އިން ވަކި ނިންމުމެއް ނުނިންމާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާގެ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންނަން ބާސެލޯނާ އިން ބޭނުންވާ ކަމަށް މީގެ ކުރިން ވެސް އޮތީ މީީީޑިއާ ތަކުގައި ރިޕޯޓުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި އޭނާ ގެންނަން ބާސެލޯނާ އިން ބޭނުން ނުވާ ކަަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޓާ ހޯދުމުގެ މަޝްވަރާތައް ބާސެލޯނާ އިން ކުރަމުން އަންނައިރު، އެކަމުގައި ބާސެލޯނާ އަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އަދި އޭނާ ހޯދުމަށް އެންމެ ބޮޑަށް ބާރު އަޅަނީ މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗު ކަމާ ހަވާލުވި ޖަރުމަނުގެ ފްލިކް ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. ޓާގެ އެޖެންޓަކީ ޕިނީ ޒަހަވީ އަށްވާއިރު، އޭނާ އަކީ ބާސެލޯނާގެ ކޯޗު ފްލިކްގެ ވެސް އެެޖެންޓެވެ. އެހެންވެ، ޓާ ހޯދުމަށް ބާސެލޯނާ އަށް ފަސޭހަތަކެއް ހުންނާނެ ކަމަށް ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވެ އެވެ.
ޓާ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނައިރު، އިތުރު ކުލަބުތަކަކުން ވެސް އޭނާ ހޯދުމަށް ބޭނުންވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކް ހިމެނޭއިރު، އިޓަލީގެ ބައެއް ކުލަބުތައް ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ޓާ ވަނީ މިހާތަނަށް ލެވަކޫސަން އަށް ކުޅެދިން 378 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. ލެވަކޫސަން އާއެކު އޭނާ ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ލެވަކޫސަންގެ އިތުރުންް، ޓާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.