ސޫރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 2000އަށް ވުރެ ގިނަ ވާނެ ކަމަށް އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަނުން ބުނެފިއެވެ.
އެމެރިކާއިން މީގެ ކުރިން ބުނަމުން ދިޔައީ ސޫރިޔާގައި ޙަރަކާތްތެރި ވަނީ އެ ޤައުމުގެ 900 ސިފައިން ކަމަށެވެ. ނަމަވެސް އެމެރިކާއިން މިހާރު ބުނަނީ އޭގެ ދެ ގުނަ އިތުރު ޢަދަދަކަށް ސޫރިޔާގައި އެމެރިކާގެ ސިފައިން ތިބި ކަމަށެވެ.
އެމެރިކާއިން މިހާރު ބުނަމުން ގެންދަނީ 900އަށް ވުރެ އިތުރުވާ ސިފައިންނަކީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފޮނުވާފައިވާ ވަގުތީ ސިފައިން ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕެންޓެގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ 2000 ސިފައިން ސޫރިޔާގައި ތިބޭނެކަމަށާއި ނަމަވެސް އެ ސިފައިން ސޫރިޔާގައި ތިބޭތާ ވީ ކިހާ ދުވަހެއްކަން ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް އިތުރު ސިފައިން ފޮނުވާފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ނިމުމަމަކަށް އައުމުގެ ކުރިން ކަމަށާއި އިތުރު ސިފައިން ތިބޭތާ މަސްތަކެއް ވެފައި ވާނެ ކަމަށް ޕެންޓެގަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވިއެވެ.
މިއަދާ ޖެހެންދެން ޚުދު އޭނާއަށް ވެސް ހީފުޅުވެފައި އޮތީ ސޫރިޔާގައި ތިބީ އެމެރިކާގެ 900 ސިފައިންކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އެ ޤައުމުގެ ސިފައިން ސޫރިޔާގައި ޤާއިމުވެ ތިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމަށް ތައްޔާރުވަމުން ދާ އިންތިގާލީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން ޤައުމަށް އަނބުރާ ގެންނެވުން އެކަށީގެންވާކަމަށް އެމެރިކާގެ މީޑިއާއިން ރިޕޮޓުކޮށްފައިވެއެވެ.
އެމެރިކާގެ ރައީސްގެ ގޮތުގައި ޓްރަމްޕު ކުރިން ހުންނެވި އިރު ވެސް ސޫރިޔާގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމަށް މަސައްކަތް ކުރައްވާފައިވީ ނަމަވެސް ޓްރަމްޕް ކުރެއްވި އެ މަސައްކަތް ނާކާމިޔާބު ވީ ސަރުކާރުގެ އިސްވެރިން އެކަމާ ދެކޮޅު ހެއްދެވުމުންނެވެ.
މިއީ ޤައުމެއްގައި އެމެރިކާގެ ސިފައިން ތިބިކަމަށް ބުނާ އަދަދު ޕެންޓަގަނުން ބަދަލުކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނުގައި އެ ޤައުމުގެ 11,000އަށްވުރެ ގިނަ ސިފައިން ތިބިކަމަށް ބުނެފައެވެ. އެއީ ކުރިން ބުނަމުން ދިޔަ ޢަދަދަށްވުރެ ވުރެ އެތައް ހާސް ގުނައެއް އިތުރު ޢަދަދެކެވެ.
އަސްކަރީ ހަނގުރާމަތައް ހިނގާ ގައުމުތަކުގައި އެމެރިކާ ސިފައިން ގިނަ އަދަދަކަށް ހަރަކާތެރިވަމުން އަންނައިރު، އެގަމުން އެ އަދަދުތައް ދަނީ އޮޅުވާލަމުންނެވެ.