ވިނަރެސް ފްލެޓުތަކުން ގަވާއިދާ ގާނޫނާ ޚިލާފަށް ފްލެޓް ވިއްކި މައްސަލަ ފަޅާ އެރުމާއެކު ކުރިން ހާމަ ކޮށްފައި ހުރި މުހިންމު މައުލޫމާތު އެޗްޑީސީ ގެ ވެބްސައިޓުން ޑިލީޓް ކުރަމުންދާ ކަން ފަޅާ އަރައިފިއެވެ.
ޑިލީޓް ކޮށްފައިވާ ބައެއް ލިޔުންތަކާއި ލިންކް ތައް ސޯޝަލް މީޑިއާ ގައި ދައުރުވަމުން ދާއިރު، ޚިޔާނާތުގެ އެތައް ތުހުމަތެއް ކުރެވިފައިވާ ވަޒީރުންގެ ފެންވަރުގައި ރައީސް މުއިއްޒު އެ ކުންފުންޏަށް އައްޔަން ކުރެއްވި މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ހުރީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.
ސޯޝަލް މީޑިއާ ގައި ދައުރުވާ އާންމުންގެ ވާހަކަ ތަކުން ތުހުމަތު ކުރާ ގޮތުގައި އެޗްޑީސީ ގެ ވެބްސައިޓުން މައުލޫމާތު ޑިލީޓް ކުރަމުން ދަނީ ފަޒުލް ގެ އެންގުމަށް ވައްކަން ފޮރުވުމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތައް ބަލާއިރު އަދި ބައެއް މީޑީއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފްލެޓް އިއުލާނު ކުރުމެއް ނެތި، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން މަޖިލިސް ބައެއް މެމްބަރުންނަށާއި، މިސަރުކާރުގެ ސިޔާސީ މީހުންނަށާއި، ސަރުކާރުގެ ނުފޫޒް ގަދަ މީހުންނަށް ވަނީ ދީފައެވެ.
އުސޫލުން ބޭރުން އިއުލާނު ކުރުމެއްނެތި ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި، ގަވައިދާ ޚިލާފަށް ހުޅުމާލެ އިން ގޯތި ދިން މައްސަލަ ތަހުގީގު ކުރާ ޓީމުގައި ހިމެނޭ ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ހެޑް ސްޕްރިޑެންޓް ރަޖުނީ ޝުޢައިބު ހިމެނޭ ކަމަށް ވެސް ސޯޝަލް މީޑިއާ ގައި ދައުރުވާ މައުލޫމާތުން ހާމަވެއެވެ. ރަޖުނީ އަކީވެސް ވިނަރެސް ފްލެޓް ލިބުނު ފަރާތެކެވެ.
ކުރިން ވެބްސައިޓުގައި އާންމުކޮށް ފެންނަ ހުރި ނަމަވެސް މިހާރު ޑިލީޓް ކޮށްފައިވާ ކަމަށް ބެލޭ މައުލޫމާތުގެ ތެރޭގައި:
- ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓް
- ވިނަރެސް މަޝްރޫއުއިން ފުލެޓު ގަތުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޔުނިޓް އިޚްތިޔާރުކުރުމުގެ މަރުޙަލާ ނުނިމޭ ފަރާތްތަކާއި ގުޅޭގޮތުން ކުރި އިއުލާން
- ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް
ޖުމްލަ 1344 ފްލެޓް ހިމެނޭ ވިނަރެސް ޓަވަރުތަކުން ފްލެޓް ދޫކޮށް ނިމުނު އުރ ބާކީ ސަތޭކަ އަށް ވުރެ ގިނަ ފްލެޓް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
މި ފްލެޓްތައް ވިއްކުމަށް އިއުލާނު ކުރި ނަމަވެސް ފަހުން އެ އިއުލާން އެޗްޑީސީ އިން ވަނީ ބާތިލު ކޮށްފައެވެ. އޭގެ ފަހުން ވިނަރެސް ފްލެޓް ވިއްކުމަށް އާންމު ކޮށް ހުޅުވާލާފައެއް ނުވެއެވެ.
ޚިޔާނާތުގެ ބޮޑު ތުހުމަތެއްގައި އެޗްޑީސީ ގެ އެމްޑީ އާއި ބޯޑު މެމްބަރުން މަގާމުން ސަސްޕެންޑް ކޮށްފައިވާ އިރު މިހާރު އެ ކުންފުނި ހިންގުމުގައި ޒިންމާ ވަނީ ކާކު ކަމެއްވެސް ނޭނގެއެވެ.