ޖަރުމަނުގެ ބަޔާން މިއުނިކާ އެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އޭނާގެ ފަރާތުން ވެސް ކަންތައްތަކެއް ހުށަހަޅާފައިވާނެ ކަމަށް ޖަރުމަނުގެ ލެރޯއީ ސާނޭ ބުނެފި އެވެ.
ބަޔާނާ އެކު ސާނޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ބަޔާނުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބަޔާނުން ބޭނުން ވަނީ ސާނޭ އެ ކުލަބުގައި ބަހައްޓަން ކަމަށާއި، ބަޔާނުން ހުށަހަޅާ އައު އެއްބަސްވުމުގައި ސާނޭ ސޮއި ކުރުމުގެ ފުރުސަތު ބޮޑު އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރު މެކްސް އެބާލް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން މީޑިއާ އަކަށް މިފަހުން ދިން އިންޓަވިޔުއެއްގައި ސާނޭ ބުނީ، އޭނާ ބޭނުން ވަނީ ބަޔާންގައި މަޑު ކުރަން ކަމަށާއި، އެ ކުލަބާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. ސާނޭ ބުނީ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތަކުގައި އެބާލް ވަރަށް ގިނަ ވާހަކަތައް ދައްކާފައިވާ ކަމަށާއި، އޭނާ ވެސް ބައެއް ކަންތައްތައް ހުށަހަޅާފައިވާނެ ކަމަށެވެ. އެކަންކަމުގެ ތަފްސީލަކަށް ނުގޮސް ސާނޭ ބުނީ،. އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި، އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ.
ސާނޭ ހޯދުމުގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުން ގެންގުޅެމުން އަންނަ ކަމަށް މީގެ ކުރިން މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އޭރު ސާނޭ ބުނެފައި ވަނީ ޕްރިމިއާ ލީގުގެ ކުލަބުތަކަށް އޭނާގެ ޝައުޤުވެރިކަން ހުރި ކަމަށާއި، އެހެން ނަމަވެސް އޭނާގެ ފޯކަސް އޮތީ ބަޔާނަށް ކަމަށެވެ. އޭރު ވެސް ސާނޭ ވަނީ ބަޔާން އާއެކު އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް ބުނެފަ އެވެ.
މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު ސާނޭ ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 194 މެޗުގައި 53 ލަނޑު ޖަހައިފަ އެވެ. ބަޔާނާ އެކު ސާނޭ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ތިން ފަހަރު، ޖަރުމަނު ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.