މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކ.ގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުން، ޕެނަލްޓީ ޖަހައިގެން މޮޅުވެ މާލޭ ސިޓީން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ގުރައިދޫ އިންނެވެ. ނަމަވެސް މާލޭ ސިޓީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ މާލޭ ސިޓީން ކާމިޔާބު ކުރީ 4-2 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ގުރައިދޫގެ ބިދޭސީ ކުޅުންތެރިޔާ އަޙުމަދު އައްބާސް އިބްރާހީމް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި މާލޭ ސިޓީން ނަތީޖާ ހަމަހަމަ ކުރި އެވެ. އެގޮތުން ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދެ ވަނަ މިނެޓުގައި މާލޭ ސިޓީ އަށް ނަތީޖާ ހަމަހަމަވީ ގުރައިދޫގެ އަޙުމަދު ނޫމާން (ހެލްމެޓު) އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާލޭ ސިޓީގެ ޚަލީލް ޖަމާލް، އަޙުނަފް މުޙައްމަދު ތަސްނީމް، އިސްމާއީލް ވަޖީހު އަދި ރިޟްވާން ވަޙީދުގެ ޕެނަލްޓީތައް ވަނީ ކާމިޔާބު ކޮށްފަ އެވެ. މާލޭގެ ޙުސެއިން ޝުއައިބުގެ ޕެނަލްޓީ ގުރައިދޫގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ގުރައިދޫގެ ޢަބްދުﷲ ޝަޔާމް އަދި އަޙުމަދު ޝުއޫންގެ ޕެނަލްޓީތައް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ މުޙައްމަދު ނާއިމް، ބިދޭސީ ކުޅުންތެރިޔާ މޮއާޒް ގަބޭރުގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި މާލޭ ސިޓީ ނިކުންނާނީ ބ.އޭދަފުއްޓާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ ބުރުގު ގުރޫޕު ސްޓޭޖުގައި މާލޭ ސިޓީ އާއި އޭދަފުށި އޮތީ އެއް ގުރޫޕެއްގަ އެވެ. ގުރޫޕު ސްޓޭޖުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ އޭދަފުށިންނެވެ.