ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ކަމަށްވާ ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި ދިވެހިންގެ ތެރޭގައި ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ކޭކްއެޅުންތެރިޔާ އައިމިނަތު ނަޝީދާ (ނަޝީ) ހިމެނިއްޖެއެވެ.
ނަޝީ ކޭކްސްގެ ބާނީ ނަޝީދާ އަކީ ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް އާދަޔާއި ޚިލާފު މީރު ރަހަތައް ގެނެސްދިނުމުގައި ކުޅަދާނަ ފަންނާނެކެވެ. އޭނާ ޑިލީޝިއަސް މެގަޒިން އެވަރޑް އަށް ހޮވިފައިވާ ދެ ކެޓަގަރީ އަކީ މޮޑަރން އާޓިސްޓް އިނޮވޭޓަރ އޮފް ދަ އިއަރ އަދި ކޭކް ޑިޒައިނަރ އޮފް ދަ އިއަރއެވެ.
އޭނާގެ ނަން ފައިނަލިސްޓުންގެ ލިސްޓުގައި ހިމެނިފައިވާ އިރު މި މިއީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ކޭކްއެޅުންތެރިން ވެސް ވާދަކުރާ އެވޯޑެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/cac97d3e-55c2-4c92-a598-7079ab8024bd.png)
ނަޝީދާ ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ދެ ކެޓަގަރީގެ ތެރެއިން މޮޑަރ އާޓިސްޓް އިނޮވޭޓަރ އޮފް ދަ އިއަރއަކީ އާ ޓެކްނީކެއް އީޖާދުކުރުމުން ލިބޭ އެވޯޑެކެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން ނަޝީދާ ވިދާޅުވީ އެ އެވޯޑުގެ ފައިނަލިސްޓަކަށް ނޮމިނޭޓްވީ އޭނާ ރޯޔަލް އައިސިން ބޭނުންކޮށްގެން ކޭކް ޑިޒައިންކުރުމުގައި ބޭނުންކުރި ޓެކްނީކަކާއި ގުޅިގެން ކަމަށެވެ. އެ އެވޯޑަށް އޭނާ ޝޯޓްލިސްޓުވެ، ފައިނަލިސްޓުންގެ ތެރޭގައި ހިމެނުނީ ބައިނަލްއަޤުވާމީކޮށް ހުޅުވާލައިގެން ނެގި ވޯޓަކުން އެންމެ މަތިން ވޯޓު ލިބިގެންނެވެ. އެގޮތުން އެންމެ ގިނަ ވޯޓު ލިބުނު ފަންނާނުންގެ ތެރޭގައި ނަޝީދާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ކޭކް ޑިޒައިނަރ އޮފް ދަ އިއަރ އަށް އޭނާ ނޮމިނޭޓް ވެފައިވާ އިރު އެ ފުރުސަތު ލިބުނު ގޮތަށް ވެސް ނަޝީދާ ވަނީ އަލިއަޅުވާލާފައެވެ. ނަޝީދާ ވިދާޅުވީ އެ މެގަޒިން އަށް މީގެ ކުރިން އޭނާ ވަނީ ޓިއުޓޯރިއަލްތަކެއް ތައްޔާރުކޮށްދީފައި ކަމަށެވެ. އޭގެ ފަހުން މި އެވޯޑާއި މެދު މައުލޫމާތު ދިނުމަށް ގުޅާފައި ވަނީ އެ މެގަޒިންގެ ފަރާތުން ކަމަށް ފާހަގަކުރެއްވިއެވެ.
![](https://dyncz33htw1ec.cloudfront.net/posts/426e6b69-a368-4430-a784-3fc18736ae71.png)
ޑިލީޝިއަސް މެގަޒިން ކަވަރގަވެސް މީގެ ކުރިން ނަޝީދާގެ ކޭކް ޓިއުޓޯރިއަލްގެ ފޮޓޯ ވަނީ ހިމަނާފައެވެ. ޑިލީޝިއަސް މެގަޒިންގައި ނަޝީދާ ނޮމިނޭޓްވެފައިވާ އެވޯޑްތަކުގައި އޭނާ އަށް ވޯޓުދިނުމަށް އާއްމުންގެ ކިބައިން ނަޝީދާ އެދިލައްވާފައެވެ. އަދި މި އެވޯޑް ލިބުން ވާނީ ރާއްޖެ އަށް ވެސް ލިބޭ ރީތިނަމަކަށް ކަން ނަޝީދާ ވަނީ ފާހަގަކުރައްވާފައެވެ.
ކޭކް އެޅުމުގެ ދާއިރާގެ ތަޖުރިބާކާރު ނަޝީދާއަކީ ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ވެސް ތަފާތު މޮޅު ހުނަރެއް ދައްކަމުން އަންނަ ފަންނާނެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/8a6dd560-5abe-4253-96a3-6c9b6fba6150.png)
މި ދެ ކެޓަގަރީ އަށް ވެސް ގިނަ އަަދަދެއްގެ ބަޔަކު ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ކެޓަގަރީ އަށް ފައިނަލިސްޓުންގެ ތެރެއިން 7 މީހުން ހޮވުނު އިރު އަނެއް ކެޓަގަރީން ހޮވުނީ 5 މީހުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/6f50623b-49db-4972-87a5-d0930ade37ba.png)
ފައިނަލިސްޓުންގެ ތެރެއިން އެވޯޑް ހޮވަނީ ޖަޖުންގެ މާކްސް އާއި ވޯޓު އެއްކޮށްލައިގެން ކަމަށް ވާއިރު މި އެވޯޑުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައި އިނގިރޭސިވިލާތުގައި އޮންނަ ޚާއްސަ ހަފްލާއެއްގައެވެ.
މީގެ ކުރިން ވެސް 2023 ވަނަ އަހަރު ނަޝީދާ ވަނީ ޑިލީޝިއަސް މެގަޒިން އެވޯޑްގެ ޓިއުޓޯރިއަލް އޮފް ދަ އިއަރ އަށް ކުރިމަތިލާފައެވެ. އެ އަހަރުވެސް ކޭކް ޑިޒައިނަރ އޮފް ދަ އިއަރ ހިމެނޭހެން ތިން ކެޓަގަރީއަކުން ނަޝީދާ ނޮމިނޭޓްވެފައިވެއެވެ.