ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންގާރަ ދުވަހުގެ ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނު ނަންބަރު 30/2015 (ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިސްލާާޙު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕިލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްުއްލަޠީފް މުޙައްމަދު އެވެ.
ބިލު ހުށަހަޅުއްވަމުން މެމްބަރު ލަޠީފް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅަނީ ވަރަށް މުހިންމު މަޤުސަދެއްގައި ކަމަށެވެ. އަދި އެ ބިލަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އެންމެހާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ފޮނި ފޮނި އުންމީދެއް ކަމަށް ވެސް ލަޠީފް ވަނީ ވިދާޅުވެފަ އެވެ.
މެމްބަރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ. ބިލު ހުށަހަޅުއްވަމުން މެމްބަރު ވަނީ ރާއްޖޭގެ ފުޓުބޯޅަ މި ވަގުތު އޮތް ޙާލަތަށް ވެސް އިޝާރާތް ކުރައްވައިފަ އެވެ. އެގޮތުން ފުޓުބޯޅަ އަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ލޯބި ކުރާ ކުޅިވަރު ކަމަށާއި، އެހެން ނަމަވެސް މިވަގުތު ފުޓުބޯޅަ އޮތީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނޯމަލައިޒް ކޮށްފައި ކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އެކަމުން ދައްކައި ދެނީ މާޒީގައި އެ ކުޅިވަރަށް ވެފައިވާ އިހުމާލު ކަމަށް ވެސް ލަޠީފް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މެމްބަރު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް އަދި ކުޅިވަރަށް ލޯބި ކުރާ، ކުޅިވަރަށް އެކި ގޮތްގޮތުން ޚަރަދު ކުރާ ފަރާތްތަކަށް ފުރިހަމަ ޤާނޫނެއްގެ ތެރެއިން ހިމާޔަތާއި ރައްކާތެރިކަން ލިބި، އަދި އެ ފަރާތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި، އެ ފަރާތްތަކަށް ދޭންވާ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ބިލުން ޖާގަ ދޭނެ އެވެ.
ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކުޅިވަރު ޤާނޫނަށް ގެނެވޭ އިސްލާޙުގެ ތެރެއިން، މުޅި ރާއްޖެ އެކުވެގެން ދާނެ ކަމަށާއި، ކުޅިވަރަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.