ސްޕެނިޝް ލީގުގައި ސެލްޓަރ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ސެލްޓަރ އާއި ބާސެލޯނާ ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ދެ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ސެލްޓަރ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ޕޮލެންޑުގެ ފޮވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.
މެޗުގައި ބާސެލޯނާ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗުގެ 82 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު އެ ޓީމުގެ މާކް ކަސަޑޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ދެ މިނެޓު ފަހުން ސެލްޓަރ ގެ ފުރަތަމަ ލަނޑު ޖެހީ އަލްފަންސޯ ގޮންޒާލޭޒް އެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ސެލްޓަރ ގެ ހޫގޯ އަލްވަރޭޒް ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މި ނަތީޖާ އާއެކު ބާސެލޯނާ އެއް ވަަނައިގައި އޮތީ 14 މެޗުން 34 ޕޮއިންްޓާ އެކު އެވެ. ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑު އޮތީ 14 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ޓީމަށް ވުރެ ދެ މެޗު މަދުން ކުޅެގެން ތިން ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނޫ 27 ޕޮއިންޓެވެ.