ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީީ ބޮޑު ބަޖެޓެއް ނޫން ކަމަށާއި، ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން ކަމަށް ރައްޔިތުން މަޖިލިސްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން މަޝްވަރާނުކުރާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، އެކަމުގެ މައުލޫމާތު ނެތް ބޭފުޅުންނާ މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށެވެ. ދިވެހިންގެ ރާއްޖެއަށް ހުށަހެޅިފައިވާ ބަޖެޓަކީ ވަރަށް ފުރިހަމަ ބަޖަޓެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ބައެއް މެންބަރުންގެ ހިޔާލު ނުހޯދާކަމަށް ބުނެ ފާޑު ކިޔަމުންދިޔަ ނަމަވެސް ތުއްތު ކުދިންނާއި، ކުޑަކުދިންގެ ތަރައްގީއަށް ކުރެވޭ ބައެއް ކަހަލަ ކަންކަމުގައި ތުއްތު ކުދިންގެ ލަފައެއް ނުހޯދޭނެ ކަމަށެވެ.
މެންބަރު ވިދާޅުވީ ބަޖެޓަކީ ވަރަށް ޓެކްނިކަލް އެއްޗެއް ކަމަށާއި، ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭނީ އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅުންނާ ކަމަށެވެ.
މީގެ އިތުރުން މެންބަރު ވިދާޅުވީ 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ބޮޑު ބަޖެޓެއް ނޫން ކަމަށާއި، މި ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން ކަމަށެވެ.
މިއަދު ހުށަހެޅިފައި އޮތް ބަޖެޓަކީ ބޮޑު ބަޖެޓެއް ނޫން. މި ބަޖެޓު ދެކެ ބިރު ގަންނަނީ ހިސާބު ހަނދަން ނޭނގޭ މީހުން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދިވެހި ރައްޔިތުންގެ އުންމީދުތައް މި ބަޖެޓަށް ވުރެ ބޮޑޭ. އެމީހުންގެ ހުވަފެންތައް މި ބަޖެޓަށް ވުރެ ބޮޑޭ. އެހެންވީމަ ދިވެހި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށްޓަކައި މިބަޖެޓަކީ އެންމެ އެކަށީގެންވާ ބަޖެޓެއް ކަމުގައި އަޅުގަނޑު ދަންނަވަންރައްޔިތުން މަޖިލިސްގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
ބަޖެޓަށް ފާޑުކިޔާ ބޭފުޅުންނަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ ރައީސް މުއިއްޒު ހުވާ ކުރެއްވި ހިސާބުން އެބޭފުޅުން މަސައްކަތް ކުރެއްވީ ރައީސް މުއިއްޒު އަޒުލް ކުރެއްވުމަށް ކަމަށާއި، މިނިސްޓަރުންނަށް ރުހުން ނުދިނުމުގެ އިތުރުން އެކި ކަހަލަ އުދަނގޫތައް ކުރިމަތި ކުރުމަށް ކަމަށެވެ.
މެންބަރު ވިދާޅުވީ މިބަޖެޓަކީ ވަރަށް ފުރިހަމަ ވަރަށް އެކަށީގެންވާ ބަޖެޓެއް ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެންމެ ޑެފެސިޓް ކުޑަކޮށް ތައްޔާރުކުރެވުނު ބަޖެޓަކީ ދިވެހިންގެ ރާއްޖޭގެ ބަޖެޓް ކަމަށެވެ. މިއީ ފަހުރުވެރިވާ ކަމެއް ކަމަށާއި، ރައްޔިތުން އުފާކުރަންޖެހޭ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ސަރުކާރަށް ނިސްބަތްވާ މެންބަރު އިބްރާހިމް މުހައްމަދު މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް އެ ބަޖެޓުގައި ރާއްޖޭގައި ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ހާމަކޮށްފައިނުވެއެވެ. އަދި ދަރަނި އިންތިހާއަށް ބޮޑުވެގެންދާނެ ގޮތަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގައި ފައިސާ އަދަދު މަދުކޮށްފައިވާ ކަމަށް ބަޖެޓް ދިރާސާކުރާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި މިސަރުކާރުން ސިފަކުރި ނަމަވެސް ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިމަނާފައި އޮތީ މިދިޔަ ތިން އަހަރަށް ވުރެ ވެސް ދަށް އަދަދެއްގެ ކަމަށް އަމީރު ވިދާޅުވިއެވެ.