ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކު ކޮށްފައި އޮންނަތާ 150ށް ވުރެ ގިނަ ދުވަސް ވީފަހުން، އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.
ބިލުގެ މަސައްކަތް ދިގުދަންމާލަން ފާސްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ކޮމިޓީގައި "ތާށިވެފައި އޮންނަތާ" އެތައް ދުވަހެއް ފަހުން، އިސްރާއީލްގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ގަރާރެއް ހުށަހަޅާފައެވެ. މި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައެވެ. ބިލުގެ މަސައްކަތް ލަސްވާތީ އިދިކޮޅު އެމްޑީޕީން މީގެ ކުރިންވެސް ކުއްލި މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަތައް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 2024 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވައިފައެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައްޔިތުންގެ މަޖިލިހުގައި އޮތް އިރު، އެ މައްސަލަ އަވަސްކުރުމަށް ގޮވާލާ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ވަނީ އޮކްޓޯބަރ 15 ވަނަ ދުވަހު ބަޔާނެއްވެސް ނެރެފައެވެ. މިބަޔާނާ ގުޅިގެން ބިލު ހުށަހެޅުއްވި އެމްޑީޕީގެ މެމްބަރު މީކާއިލް ވިދާޅުވީ މިއީ ޕީއެންސީގެ މެމްބަރުން ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓް ބޭންކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑަށް ބަލާއިރު، ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލް އޮތްގޮތަށް ފާސްކޮށްފިނަމަ ދަތިތައް ދިމާވެދާނެކަމަށާއި، އެހެންކަމުން ސަރުކާރުން އެ ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
މި ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރަށާއި ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގައި އޮތް މެޖޯރިޓީއަށް ފާޑުކިޔަމުންނެވެ.
ސަރުކާރުން ހުށަހަޅާ މައްސަލަތައް ރޮކެޓް ސްޕީޑްގައި ފާސް ކުރަމުންދާ 20 ވަނަ މަޖިލީހުގައި އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ދިގުލައި ގޮސްފައިވަނީ ސަރުކާރުން އެ ކަން ކުރަން ބޭނުން ނުވާތީ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.