ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 40ށް އަރައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 24 މީހުން މަރާލެވިފައިވަނީ ޣައްޒާގެ އުތުރުގައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ތުއްފާޙް ސަރަޙައްދުގައި ހުރި، ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ފަހުދު އަލް-ސަބާޙް ސްކޫލަށް ދެވުނު ހަމަލާއެއްގައި މަދުވެގެން 6 ފަލަސްޠީނުން މަރުވެފައިވާކަމަށް ދާރުލް ބަލަހްގައި ހުރި އަލްޖަޒީރާގެ ޓީމުން ވަނީ ރިޕޯޓްކޮށްފައެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ ނޫސްވެރިންނާއި، މާބަނޑު އަންހެނަކާއި، ކުޑަކުއްޖަކު ހިމެނޭ ކަމަށް އެނޫހުން ބުނެފައިވެއެވެ.
ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ ސަރަޙައްދުގައި އިތުރު 5 މީހުން މަރުވެފައިވާއިރު، ޒައިތޫން ސަރަޙައްދުގައި މަދުވެގެން އެކަކު ވަނީ މަރުވެފައެވެ. ހަމައެއާއެކު، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުރި "އިންސާނިއްޔަތުގެ ސަރަޙައްދު" ކަމަށް ބުނާ އަލް-މަވާސީގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު ވަނީ 9ށް އަރާފައެވެ. ނާޞިރު ހޮސްޕިޓަލުން ބުނާ ގޮތުގައި މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި ދެ އަންހެނުން ހިމެނޭއެވެ.
މީގެއިތުރުން، އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރަކުން ޣައްޒާގެ މައި ޞިއްޙީ މަރުކަޒު ކަމުގައިވާ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ގޯތިތެރެއަށް ހަމަލާއެއް ވަނީ ދީފައެވެ. އަލް ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމަލާގައި މަދުވެގެން 3 މީހުން މަރުވެ، 26 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ މާރޗް މަހުން ފެށިގެން މި އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދެވުނު 8 ވަނަ ހަމަލާކަން ފާހަގަކޮށްލެވެއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމަށް ހޮނިހިރު ދުވަހު 400 ދުވަސްވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން އިޢުލާނުކުރި ގޮތުގައި ހަމަލާތަކުގައި މަދުވެގެން 43,552 މީހުން މަރުވެ 102,765 މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް، މަރުވި މީހުންގެ ހަޤީޤީ އަދަދު މިއަށްވުރެ މަތި ވާނެ ކަމަށް އެވުޒާރާއިން ބުނެއެވެ. އެވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، އަންދާޒާކުރެވޭ ގޮތުން 10,000 މީހުންގެ ހަށިގަނޑު ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަރުކަޒުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަނގުރާމައިގެ މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން 1,000ށްވުރެ ގިނަ ޞިއްޙީ މަސައްކަތްތެރިންނާއި މަދުވެގެން 12,700 ދަރިވަރުން ވަނީ މަރުވެފައެވެ.
2023 ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނިއްސުރެ ގާތްގަނޑަކަށް 86,000 ޓަނުގެ ގޮވާ ތަކެތި ޣައްޒާގެ މައްޗަށް އަޅާފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ވަސީލަތްތައް ސުންނާފަތިވެ، ގާތްގަނޑަކަށް ދެ މިލިއަން މީހުން ނުވަތަ ފަލަސްތީނު އާބާދީގެ 90 އިންސައްތަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ.