އޭއެފްސީ ޗެލެންޖު ލީގުގައި ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުޅުނު ދެ ވަނަ މެޗުގައި އަލް އަރަބީ އަތުން ވެސް ބަލިވެއްޖެ އެވެ.
އޭއެފްސީ ޗެލެންޖު ލީގުގައި މާޒިޔާ ހިމެނިފައި އޮތީ ގުރޫޕު ބީ ގައެވެ. މި ގުރޫޕުގައި މާޒިޔާ އާއި އަރްކަޑަގްގެ އިތުރުން ދެން ހިމެނެނީ، ކުވޭތުގެ އަލް އަރަބީ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އެވެ. ފުރަތަމަ މެޗުގައި އަރްކަޑަގް އަތުން މާޒިޔާ ބަލިވީ ލަނޑު ޖަހައި ލީޑު ވެސް ހޯދާފައި ވަނިކޮށެވެ. ދެ ވަނަ މެޗުގައި އަލް އަރަބީ އަތުން ބަލިވީ 2-0 އިންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އަލް އަރަބީން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމުން ވަނީ މާޒިޔާ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އަލް އަރަބީ އަށް ޖަހައިދިނީ ޔޫސުފު މަޖީދު އެވެ. ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ފަހުން އަލް އަރަބީން ވަނީ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ޚަލަފު އެވެ.
އޭގެ ފަހުން މާޒިޔާ އިން ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ވިލްކުސަން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ދެ ފުުރުސަތުގެ ބޭނުމެއް އޭނާ އަށް ނުހިފުނެއެވެ.
މި ގުރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ އަރްކަޑަގް އެވެ. އެ ޓީމަށް ހަ ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި އޮތް އަލް އަރަބީ އަދި އަބްޑީޝް އަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވެފައިވާ މާޒިޔާ އެވެ.