ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑޭގޮތަށް މިސަރުކާރުން އަމަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ސިޓީއެއް ހުށަހެޅުމަށާއި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކުރަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ދިއުމުން، އެޕާޓީގެ މެންބަރުންނާއި ބައްދަލުކުރަން މިނިސްޓަރު ދެކޮޅު ހައްދަވައިފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު އެމްޑީޕީގެ މަޖިލިސް މެންބަރުނާއި، އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ މެންބަރުން އެ މިނިސްޓްރީއަށް ގޮސްފައިވަނީ 10:45 ގައެވެ. 12:00 ވީއިރުވެސް މިނިސްޓަރު އާދަމް ޝަރީފްއާއި ބައްދަލު ކުރެވޭ ގޮތް ނުވިއެވެ. މިނިސްޓަރު ޝަރީފާއި ބައްދަލުކުރެވޭ ގޮތް ނުވުމުން ސިޓީ ވެސް ހަވާލުކޮށްފައިނުވެއެވެ.
މިކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ރާއްޖެ ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހެޅޭ ގާނުނުތަކުގެ ސަބަބުން ލާމަރުކަޒީ ގާނޫނު ބާރު ކެނޑޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އާބަން ޑިވެލޮޕްމަންޓް ގާނޫނާ ގުޅިގެން ކައުންސިލްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި، އެ ގާނޫނު ފާސް ކުރުމުގެ ކުރިން އެ ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާ ކުރަން ބޭނުންވާ ކަމަށެވެ.
އެހެންވީމަ އެސިފަ ގެއްލޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގާނޫނުތަކުން އެހެން ގާނޫނުތައް އުފަން ކޮށް އެ ގާނޫނުތަކަށް އެކިއެކި ބައިބައި ލައިގެން ލާމަރުކަޒީ ގާނޫނު އެކީއެކަށްޗަކަށް ވާ ކޮށްލައި މިނިޒާމުގެ ދުވަސް ދުއްވާލަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އަޅުގަނޑުމެން މިގޮވާލަނީ. ވަޒީރުގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑަށް ހަމަ ޔަގީން ވަޒީރު ވެސް އެކަން ކުރައްވާނެ. އަޅުގަނޑުމެން ބަލަން ބޭނުންވީ ވަޒީރަށް ކޮބައިތޯ މައްސަލައަކީ އެކަން ކުރުމަށް ހުރި ދަތިތަކަކީ ކޮބައިތޯ. ފަހަރެއްގައި އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުންވެދާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ އެނގޭތޯ. މިހާރު ވެސް ރާއްޖޭގައި އޮތް އެންމެ ގިނަ ކައުންސިލަރުން ނިސްބަތް ވަނީ އެމްޑީޕީއަށް. ކައުންސިލަރުން އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ މިކަމުގައި. އެހެންވީމަ އެކަމުގެ އެހީތެރިކަން ފަހަރެއްގައި ވަޒީރު ބޭނުންފުޅު ވެދާނެ ކަމަށް ވަޒީރާ ބައްދަލުކުރަން މިއުޅުނީ.ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
ނިޔާޒު ވިދާޅުވީ މިނިޒާމުގެ ދުވަސް ދުއްވާލުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކަތީބު ނިޒާމަކާ ދިމާލަށް ދާ ދިޔުން ހުއްޓުވާނެ ކަމަށެވެ.