ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުން ދިޔުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
"މީގެކުރިން އުފެދުނު ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް މިވަގުތު އޮތް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް މި ޕާޓީއަށް ދަނީ ލިބެމުންނެވެ. އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ކުރަމުންގެންދާތީއާއި، މުވައްޒަފުން ލައްވާ އެކަން ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުނުއިރު، ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އާންމު ރައްޔިތުންގެ އެންމެ ޒާތީ މައުލޫމާތު ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ހިންގަމުންދާ ކަން ވަނީ ފަޅާ އަރާފައެވެ.