ސައުދީ ޕްރޯ ލީގުގައި އަލް ޚުލޫދާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އަލް ނަޞްރު ސަލާމަތްވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި އަލް ޚުލޫދުން ލީޑު ނަގާފައި ވަނިކޮށް، އަލް ނަޞްރު ވަނީ މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ އަލް ނަޞްރު ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މީޒިއާން މައޮލިޑާ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އަލް ނަޞްރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އައިމެރިކް ލަޕޯޓު އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް އަލް ނަޞްރަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާ އެވެ.
އަލް ނަޞްރުން ލީޑު ނެގިތާ ހަތަރު މިނެޓު ފަހުން މައޮލިޑާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި، އަލް ޚުލޫދަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، 71 ވަނަ މިނެޓުގައި އަލް ޚުލޫދަށް ލީޑު ނަގައިދިނީ ޖެކްސަން މުލެކާ އެވެ. އެ ލީޑުގައި އޮވެ އެ ޓީމުން ކުޅެމުން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓަލިސްކާ ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި މެޗުން އަލް ނަޞްރު ސަލާމަތްކޮށްދީފަ އެވެ.
މެޗުން މޮޅުވެ ދެ ވަނައިގައި ހިފެހެއްޓުމުގެ ފުރުސަތު އަލް ނަޞްރަށް އޮތް ނަމަވެސް، މެޗު އެއްވަރުވުމުން އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް އިއްތިހާދަށް ލިބެނީ 21 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އޮތް އަލް ޙިލާލަށް ލިބެނީ 21 ޕޮއިންޓެވެ.