ކ. މާލެ
|
21 އޮކްޓޯބަރ 2024 | ހޯމަ 09:39
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި
މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 10 މެޗުން 27 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބާސެލޯނާ އިން އެއް ވަނަ މަޤާމު ދަމަހައްޓައިފި އެވެ.

ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ދެ ލަނޑު ޖެހި އެވެ. ސެވިއްޔާ އިން ވެސް ވަނީ ދެ ވަނަ ހާފުގައި ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެޑްރީ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު، 39 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު، 82 ވަނަ މިނެޓުގައި ޖެހީ ޕަބްލޯ ޓޮރޭ އެވެ. އޭގެ ފަސް މިނެޓު ފަހުން ސެވިއްޔާގެ ހަމައެކަނި ލަނޑު ޖެހީ ސްޓަނިސް އިޑުމްބޯ މުޒަމްބޯ އެވެ. އޭގެ މިނެޓެއް ފަހުން ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ވެސް ޓޮރޭ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓުގެ ލީޑަކުން އެ ޓީމު އެއް ވަނައިގައި އޮތްއިރު، ބާސެލޯނާ ވަނީ ކުޅުނު ނުވަ މެޗުން މޮޅުވެފަ އެވެ. އެއް މެޗުން އެ ޓީމު ބަލިވެފައިވެ އެވެ. ބާސެލޯނާގެ ފަހަތުން ދެ ވަަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އެވެ.

- ކޮމެންޓް