އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ލީގު ތާވަލުގެ އެއް ވަނަ މަގާމުގައި ދެމި އޮވެއްޖެ އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލިވަޕޫލްް އިން ލަނޑު ޖަހާފައި ވަނިކޮށް، ޗެލްސީން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ލިވަޕޫލް ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ލިވަޕޫލް އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލިވަޕޫލަށް ލީޑު ނަގައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މޮއިސަސް ކަސައިޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ނިކޮލަސް ޖެކްސަން އެވެ. އެ ލަނޑު ބަލައި ގަންނަން ރެފްރީ ނިންމީ ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބަލައި ޔަޤީން ކުރުމަށްފަހު އެވެ. ޗެލްސީން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓު ފަހުން ލިވަޕޫލް އިން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މިޞްރުގެ ފޯވާޑު ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިވަޕޫލަށް އެ ލަނޑު ޖަހައިދިނީ ކާޓިސް ޖޯންސް އެވެ.
މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، އެއް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.