ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 22:13
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރަށް އަމާޒުކޮށް ދިން ހަމަލާގައި މަރުވެފައިވާ އޭނާގެ ހަށިގަނޑުކަމަށް ބެލޭ ހަށިގަނޑު ފުނޑުވެފައިވާ އިމާރަތުގެ ތެރޭގައި
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރަށް އަމާޒުކޮށް ދިން ހަމަލާގައި މަރުވެފައިވާ އޭނާގެ ހަށިގަނޑުކަމަށް ބެލޭ ހަށިގަނޑު ފުނޑުވެފައިވާ އިމާރަތުގެ ތެރޭގައި
ސޯޝަލް މީޑިއާ
ޣައްޒާ ހަނގުރާމަ
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލައިފި ކަމަށް އިޒްރޭލުން ޔަގީންކޮށްދީފި
އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ޔަހްޔާ ސިންވާރުގެ މަރާ ބެހޭގޮތުން މައުލޫމާތު ހާމަކޮށްފައިވަނީ ސިންވާރުގެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓުތަކާއި އެހެނިހެން ޗެކުތަކަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނޭ

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރުވެފައިވާކަން އިޒްރޭލުގެ ޚާރިޖީ ވަޒީރު ހާމަކޮށްފިއެވެ.

2017 އިން ފެށިގެން ޣައްޒާގެ ތެރޭގައި ހަމާސްގެ އިސްވެރިއެއްގެ ގޮތުން ހަރަކާތްތެރިވަމުން އައި އުމުރުން 62 އަހަރުގެ ސިންވާރު އަކީ އިޒްރޭލަށް ހަމާސް އިން 7 އޮކްޓޯބަރު 2023 ދިން ހަމަލާތަކުގެ ފަހަތުގައި ހުރި މާސްޓަރމައިންޑް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ޔަހްޔާ ސިންވާރުގެ މަރާ ބެހޭގޮތުން މައުލޫމާތު ހާމަކޮށްފައިވަނީ ސިންވާރުގެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓުތަކާއި އެހެނިހެން ޗެކުތަކަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފޮރިން މިނިސްޓަރ ހާމަކޮށްފައިވަނީ ސިންވާރު "މިއަދު އައިޑީއެފް [އިސްރާއީލް ޑިފެންސް ފޯސަސް] ސިފައިން މަރާލައިފި" ކަމަށެވެ.

ކަޓްޒް އިތުރަށް ބުނެފައިވަނީ އޭނާގެ މަރަކީ "އިޒްރޭލަށް ލިބުނު ބޮޑު އަސްކަރީ ކާމިޔާބީއެއް" ކަމަށެވެ.

ހަމާސްއިން އިޒްރޭލުގެ މިވާހަކައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޒްރޭލުގެ ދިފާޢީ ބާރުތަކުން (އައިޑީއެފް) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހަރެއްހާ ދުވަހު ސިންވާރު އަތުލައިގަތުމަށް ކުރި މަސައްކަތަކަށް ފަހު އިއްޔެ ޣައްޒާގެ ދެކުނުގައި ހިންގި އޮޕަރޭޝަނެއްގައި އެމީހުންގެ ސިފައިން ސިންވާރު މަރާލައިފިކަމަށެވެ. އަނެއްކޮޅުން އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރޭލް ކަޓްޒް ހާމަކޮށްފައިވަނީ ސިންވާރު މިއަދު (ބުރާސްފަތި ދުވަހު) މަރާލާފައިވާ ކަމަށެވެ. މި ފަރަގު އައި ސަބަބު ސާފެއް ނޫނެވެ.

"ޔަހްޔާ ސިންވާރު މަރާލެވުނީ ވޭތުވެދިޔަ އަހަރު ޣައްޒާގެ އާންމު ރައްޔިތުންގެ ނިވަލުގައި ފޮރުވިގެން އުޅުމަށްފަހު، ޣައްޒާގައި ހަމާސްގެ ބިމުއަޑީ ހޮހޮޅަތަކުގެ ތެރޭގައާއި ބިންމަތީގައި ވެސް ފޮރުވިގެން އުޅުމަށްފަހުގައެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުގެ ސިފައިން އިތުރަށް ބުނެފައިވަނީ "ހަމާސްގެ އިސް މެންބަރުން ތިބިކަމަށް ޝައްކުކުރެވޭ ތަންތަން" ދައްކުވައިދޭ އިންޓެލިޖެންސް މަޢުލޫމާތު ލިބުމާ ގުޅިގެން ދެކުނު ޣައްޒާގައި ހިންގި އޮޕަރޭޝަނެެއްގައި ކަމުގައެވެ.

އެ ސަރަޙައްދުގައި މަސައްކަތްކުރަމުންދާ އައިޑީއެފްގެ 828 ވަނަ ބްރިގޭޑުގެ ސިފައިން "ތިން ޓެރަރިސްޓުން ފާހަގަކޮށް މަރާލައިފި" ކަމަށް އައިޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މަރާލެވުނު މީހުންގެ ތެރެއިން އެކަކީ ސިންވާރުކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް