ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 19:01
ބީއެމްއެލްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފް
ބީއެމްއެލްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފް
ރާއްޖެއެމްވީ
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން އަދާކުރައްވާފައިވާ، ޝަރީފް އެ ބޭންކުގެ އައު ސީއީއޯއަކަށް ހަމަޖައްސާފައިވަނީ މިސަރުކާރުން ބީއެމްއެލްއަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަން ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރަސްމީކޮށް މަގާމާ ހަވާލުވެ، މަސައްކަތަށް ނުކުންނާނެކަން ބީއެމްއެލުން ވަނީ ހާމަކޮށްފައެވެ.

ބުދަ ދުވަހު ބީއެމްއެލުން ޝަރީފަށް މަރުހަބާ ދަންނަވާ ބީއެމްއެލުން ކޮށްފައިވާ ޕޯސްޓްގައި ބުނީ ޝަރީފަކީ މިހާތަނަށް ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ފުރަތަމަ ދިވެހި މިހާ ކަމަށެވެ. އަދި މިއީ ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

ޝަރީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން އަދާކުރައްވާފައެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތުތަކެއް ވެސް ޝަރީފްގެ މައްޗަށް ކުރެވިފައިވާއިރު، އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އޭނާ ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން ވަނީ އޭރު އެ މައްސަލަ ބެލުމަށް ފުލުހުންނަށް ވެސް ފޮނުވާފައެވެ. ނަމަވެސް ބޭންކު އަދި އޭނާވެސް އެ އެތުހުމަތުތައް ދޮގު ކުރެއެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ. ބީއެމްއެލްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައެވެ. އެގޮތުން ޝަރީފްވަނީ ކޯ-ބޭންކިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފްކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މި ޚިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔައެވެ.

ބޭންކަށް ޚިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. އެގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިންގ، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިންގ އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމް އަދާކުރައްވާފައެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރައްވާފައެވެ.

ބީއެމްއެލްގެ އައު ސީއީއޯއަކަށް ޝަރީފް ހަމަޖައްސާފައިވަނީ މިސަރުކާރުން ބީއެމްއެލްއަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ ނުފޫޒުން ބީއެމްއެލްގެ ބޯޑަށް ބަދަލުތައް ގެނެސްފައިވާކަން ތުހުމަތުކޮށްފައިވެއެވެ. އަދި ބީއެމްއެލް އިން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން، ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، މައްސަލަ ވަރަށް ގޯސްވެފައިވަނިކޮށް އޭރު ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ ވަނީ 9 ސެޕްޓެންބަރު 2024 ގައި އިސްތިއުފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް