ލ.ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ބުދަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި 29 ސެޕްޓެމްބަރު 2024 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ ނަސްރުﷲ އަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށެވެ. އެ ފަރާތުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަޞްރުﷲގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް ހަވާލުކުރެވުނީ ފެނަކައިގެ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކައަށް އެންގުމެއް ނެތި ކަމަށެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކައިގެ ހެޑް އޮފީހުގައި އެދިފައިވާކަމަށް އޭސީސީން ބުނެއެވެ.
ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.