ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓެކްސްތައް ބޮޑުކޮށްގެން ސަރުކާރުގެ އާމްދަނީ އިތުރުކުރަން ނިންމާ، ޓެކްސް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު، ޑޜ. މުއިއްޒު ކުރިން ވަނީ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.
ސަރުކާރުން ޓެކްސް އޮނިގަނޑަށް ގެންނަ ބަދަލުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް އިތުރުކޮށް، އަހަރަކު 1.5 ބިލިއަން ރުފިޔާ އިތުރަށް ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުތައް 1 ޑިސެމްބަރު 2024 އިން ފެށިގެން ތަންފީޒުކުރަން ވެސް ވަނީ ނިންމާފައެވެ.
ޓެކްސް އަށް އަންނަ ބަދަލުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ފަސިންޖަރުންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ޓެކްސް 50 ޑޮލަރަށް ބޮޑުކުރެވޭނެއެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުންގެ ޓިކެޓުން ނަގަމުން އައި 50 ޑޮލަރު 120 ޑޮލަރަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރާ ގޮތައް ވަނީ ހަމަޖައްސާފައެވެ. އަދި ޕްރައިވެޓް ޖެޓުތަކުން އަންނަ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.
މީގެ އިތުރުން، 1 ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށް ވެސް ވަނީ ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން، ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކޮށް، އަދި ރިސޯޓުތަކުން ނަގާ ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި ބަދަލާ އެކު އަހަރަކު 964 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާކުރެވެއެވެ.
އަދި 1 ޖޫން 2025 އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކޮށް، އިތުރު 202 މިލިއަން ރުފިޔާ ހޯދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ޓެކްސް ބޮޑު ކުރަން ޤާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި އިސްލާހުތައް ފާސްވުމުން، ސަރުކާރަށް އަހަރަކު 2.6 ބިލިއަން ރުފިޔާ އިތުރުވެ، ޤައުމުގެ ޖީޑީޕީ 3 އިންސައްތައިގެ މިންވަރުގެ އާމްދަނީގެ އިތުރުވުމެއް ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ލަފާކުރެއެވެ.
ސަރުކާރުން ހުށަހަޅާ ޓެކްސް ބޮޑު ކުރުމުގެ ޕްލޭން މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ފާހަގަ ކުރެވޭއިރު، ރާއްޖޭ އަކީ އަދިވެސް އަގުބޮޑު މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ގަބޫލު ކުރެވިފައި އޮންނަ އޮތުމަކީ ފަތުރުވެރިން ގެނައުމުގައި ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މި އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮމްޕްމަންޓް އަޕްޑޭޓް" ގައި ފާހަގަ ކޮށްފައިވާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއަޓާގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އެއް ގޮތެއްގައި ދެމެހެއްޓިފައި ވީނަމަވެސް، ފަތުރުވެރިއަކު ރާއްޖޭގައި ހުންނަ މުއްދަތުގައި ޚަރަދުކުރާ މިންވަރު ކުރިއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާ އަށް ބުރަބޮޑުވާ ގޮތައް ޓެކްސްތައް މައްޗަށް ޖެއްސުމަށް ސަރުކާރުން ނިންމިޔަސް ޑރ. މުއިއްޒު ކޮންޓްރޯލް ކުރައްވާ މަޖިލިހެއް ރާއްޖޭގައި އޮތުމާއެކު، ސަރުކާރުން ހުށަހަޅާ ގޮތަކަށް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.