އީރާން ވެސް ހިމެނޭ ގޮތަށް، އަވައްޓެރި ޤައުމުތަކުން އެހެން ޤައުމުތަކަށް ހަމަލާދިނުމަށް 'ލޯންޗް ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ އެޤައުމުން ދެކޮޅުހަދާ ކަމަށް އިރާޤުގެ ރައީސް އަބްދުލް ލަޠީފް ޖަމާލް ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އާދީއްތަ ދުވަހު އިރާޤުގެ ވެރިރަށް ބަޣުދާދުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީއާ ކުރެއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އިރާޤުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށާއި އަނިޔާވެރިކަމެއް ހިންގުމަށްވެސް ދެކޮޅުކަން ފާހަގަކުރައްވަމުން އޭނާ ވަނީ، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ފިޔަވަޅުއެޅުމަށާއި، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އިރާޤުގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އިޒްރޭލުން ދީފައިވަނިކޮށެވެ.
'އޮޕަރޭޝަން ޓްރޫ ޕްރޮމިސް II'ގެ ނަމުގައި އީރާނުން ހިންގި މި އޮޕަރޭޝަނަކީ، އިޒްރޭލުން ފަލަސްތީނުގެ ކުރީގެ އިސްވެރިޔާ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ، ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ޙަސަން ނަޞްރުﷲ، އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ޑެޕިއުޓީ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޢައްބާސް ނީލްފޮރޫޝާން އަވަހާރަކޮށްލުމުން އޭގެ ބަދަލުހިފުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.