ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 22:48
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުން
ޑިޓެންޝަން ސެންޓަރުގައި މިހާރު 155 ބިދޭސީން އެބަތިބި، މިއަދު ވެސް 9 ބިދޭސީން އަތުލައިގަނެފައިވޭ: އިމިގްރޭޝަން
ޑިޓެންޝަން ސެންޓަރު މިދޭތެރެއިން ފުރުނު، އެތަނުގައި ޖުމްލަ ތިބެވޭނީ 200 މީހުންނަށް
ބިދޭސީންގެ ތެރެއިން ލިޔެކިޔުން ހަމަވެ ޓިކެޓު ހަމަޖެހެމުންދާ ނިސްބަތުން އެމީހުންގެ ގައުމަށް ދަނީ ފުރުވަމުން
އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހު

ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި މިހާރު 155 ބިދޭސީން އެބަތިބި ކަމަށާއި، ޚާއްސަ ރެއިޑަކުން 9 ބިދޭސީން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ބުނެފިއެވެ.

އާދިއްތަ ދުވަހު އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 10 ތަނެއް ބަލައި ފާސްކޮށް 9 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މި މީހުން ރާއްޖޭގައި އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް ކަމަށް ކަމަށެވެ.

ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑު ޖެހުނުކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހުރި ޖާގަތައް ފުރުނު ކަމަށެވެ. އެއީ 200 މީހުންގެ ޖާގައިގެ ތަނެއްކަމުން މީގެކުރިން ހިންގި އެކި އޮޕަރޭޝަނުގައި އެ އަދަދަށް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުމާއި ގުޅިގެން އެމީހުން ފުރުވާލެވެންދެން އޮޕަރޭޝަން ކޮންމެވެސް ވަރަކަށް މަޑުޖައްސާލީ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ މިވަގުތު ޑިޓެންޝަން ސެންޓަރުގައި 155 ބިދޭސީން އެބަތިބި ކަމަށެވެ. އަދި ބިދޭސީންގެ ތެރެއިން ލިޔެކިޔުން ހަމަވެ ޓިކެޓު ހަމަޖެހެމުންދާ ނިސްބަތުން އެމީހުންގެ ގައުމަށް ފުރުވަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެއިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް