ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 10:42
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް
ރޮއިޓަސް
ޕޯޗުގަލް ޤައުމީ ޓީމު
ޔޫރޯ އަށް ފަހު ޕޯޗުގަލް އަށް ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް މާޓިނޭޒް ބުނެފި
މާޓިނޭޒް ބުނީ ޕޯޗުގަލްގެ ސްކޮޑުގައި ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިހާރު ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޓީމުގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތް ކަމަށެވެ.

މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާާރާތަށްފަހު، ޕޯޗުގަލްގެ ސްކޮޑަށް ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އިން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ޖަރުމަނުގައި މިއަހަރު ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން ބަލިވެ، ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ. މާޓިނޭޒް ބުނީ މިހާރު ޕޯޗުގަލްގެ އަމާޒު ހުރީ، 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ރަނގަޅު ޓީމެއް އެކުލަވާލުމަށް ކަމަށެވެ.

މާޓިނޭޒް ބުނީ ޕޯޗުގަލްގެ ސްކޮޑުގައި ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިހާރު ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޓީމުގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތް ކަމަށެވެ. އަދި ޚާއްސަކޮށް ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު އެ ޓީމު އިތުރަށް ރަނގަޅުވެފައިވާއިރު، ޓީމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް މާޓިނޭޒް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ޕޮލެންޑާ ދެކޮޅަށް ވެސް ޕޯޗުގަލްގެ ކުޅުންތެރިން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، ކުޅުންތެރިންގެ މަސައްކަތް އަދި ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މީގެ ދެ އަހަރު ފަހުން އޮންނަ ފީފާ ވޯލްޑް ކަޕާ ޕޯޗުގަލް އިން ކުރިމަތިލާއިރު، އެހާތަނަށް ޓީމަށް އެކަށީގެންވާ އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފަ އެވެ.

ޕޯޗުގަލްގެ ސްކޮޑަށް ބައެއް އައު ކުޅުންތެރިން އަންނަކަން ފާހަގަ ކުރަމުން މާޓިޏޭޒް ބުނީ، އެ ކުޅުންތެރިންނަކީ ޤުދުރަތީ ހުނަރުވެރިކަން ހުރި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް އެ ކުޅުންތެރިން ވެސް ކުރިއަށް ދާން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އޭނާ ބޭނުން ވަނީ ޕޯޗުގަލް ޓީމު ދުވަހަކުން ދުވަހެއް ކުރިއަށް ދާން ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މީގެ ކުރިން ބެލްޖިއަމްގެ ޤައުމީ ޓީމަށް ވެސް އިރުޝާދު ދީފައިވާ މާޓިނޭޒް އަށް ޕޯޗުގަލް ޤައުމީ ޓީމުގެ ކޯޗުކަން ހަވާލު ކުރީ، 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށްފަހު ފެނާންޑޯ ސަންޓޯސް މަޤާމުން ވަކި ކުރުމަށްފަހު އެވެ.

- ކޮމެންޓް