ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 06:33
ދެކުނު ލުބުނާނުގެ ނަބަތިއްޔާ އަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މުޅި ސަރަހައްދުގައި ރޯވެ އަނދަނީ
ދެކުނު ލުބުނާނުގެ ނަބަތިއްޔާ އަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މުޅި ސަރަހައްދުގައި ރޯވެ އަނދަނީ
އޭއެފްޕީ
ލުބުނާން-އިޒްރޭލު ހަނގުރާމަ
އިޒްރޭލުން ހޮނިހިރު ދުވަހުގެ ރޭ ލުބުނާނުގެ ނަބަތިއްޔާ އަށް ބޮންއަޅައިފި
ސެޕްޓެމްބަރުގައި ލުބުނާނަށް އިޒްރޭލުން ދޭ ހަމަލާތައް އިތުރުކުރި ފަހުން މިދިޔަ މުއްދަތުގައި މަދުވެގެން 1،645 މީހުން ލުބުނާނުން ވަނީ މަރުވެފައި
ޚަބަރުގެ އޯޑިއޯ

އިޒްރޭލުން ހޮނިހިރު ދުވަހުގެ ރޭ ލުބުނާނުގެ ދެކުނުގައި އޮންނަ މައި ސިޓީއެއް ކަމަށްވާ ނަބަތިއްޔާ ގެ މާރުކޭޓް ސަރަހައްދަކަށް ބޮން އަޅައިފިއެވެ.

ވަރުގަދަ ބޮމުގެ ހަމަލާގެ ސަބަބުން މުޅި ސަރަހައްދުގައި ރޯވެ، މުޅި ހިސާބުގައި ބިރުވެރިކަމާއި ނާމާންކަން އުފެދިފައިވާ ކަމަށް ރެޑްކްރޮސް އިން އަލްޖަޒީރާ އަށް މައުލޫމާތު ދީފައިވެއެވެ.

ލުބުނާންގެ ރެޑް ކްރޮސްއިން ބުނި ގޮތުގައި އިޒްރޭލުން ބާރުގަދަ ބޮން އެޅީ ނަބަތިއްޔާގެ މާރުކޭޓުގެ މައިމަގަށެވެ. ރެޑްކްރޮސްގެ އޮފިޝަލުން ގެންދަނީ މާރުކޭޓް ސަރަހައްދައް ވަދެ އެތަނުގައި، ދިރިހުރި މީހުން ތިބިތޯ އާއި ޒަޚަމްވެފައިވާ މީހުން ނެރުމަށް މުޅި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑަކާ ދެކޮޅަށް އިތުރު ހަނގުރާމަ އެއް ކުރަމުން ކަމަށް ބުނެފައިވެއެވެ.

ސަރަހައްދުގައި ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑީއޯތައް ސޯޝަލް މީޑިއާގައި އާންމުން ހިއްސާކޮށްފައިވާ އިރު، ބޮޑު ސަރަަހައްދަކަށް އަލިފާންޑަނޑު ފެތުރި، ބޯ ދުން އަރަމުންދާކަން ފާހަގަ ކުރެވެއެވެ.

އޮފިޝަލުން ބުނަނީ އިޒްރޭލުގެ މިހަމަލާގެ ގެއްލުން ވަޒަން ކުރަން އެނގޭނީ އަލިފާންގަނޑު މައިތިރިވެ އަލިވުމުން ކަމުގައެވެ.

ފެށުނީއްސުރެ އިޒްރޭލުން ބުނަމުން އައިސްފައިވަނީ އިޒްރޭލުން ދޭ ހަމަލާތަކަކީ ހިޒްބުﷲ ގެ ހަނގުރާމަވެރިން ލިޓާނީ ކޯރުން ފަހަތައް ޖެއްސުން ކަމަށެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހުރޭ ބޮން އަޅާފައިވަނީ، ލިޓާނީ ކޯރުގެ އުތުރުން 5 ކިލޯމީޓަރު ދުރުގައި އޮތް ސަރަހައްދަކަަށް ރިޕޯޓްތައް ބުނެއެވެ. އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި މިހާރު އިޒްރޭލުން ގެންދަނީ ކުރިން ބުނިގޮތާ މުޅިން ޚިލާފުވެ، ލުބުނާނުގެ އެކި ކަންކޮޅުތަކަށް ހަމަލާތައް ދެމުންނެވެ. އިޒްރޭލުން ވަނީ ވެރިރަށް ބެއިރޫތުގެ މެދުތެރެއަށް ވެސް ހަމަލާދީފައެވެ.                

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިޒްރޭލުން ސެޕްޓެމްބަރުގައި ލުބުނާނަށް ދޭ ހަމަލާތައް އިތުރުކުރިފަހުން މިދިޔަ މުއްދަތުގައި މަދުވެގެން 1،645 މީހުން ވަނީ މަރުވެފައެވެ. އަދި ހިޒްބުﷲ އާއި އިޒްރޭލު ސިފައިންނާ ދެމެދު އަހަރެއްހާ ދުވަހުގެ މުއްދަތަށް ހިނގި ހަމަލާ ބަދަލުކުރުން ތަކުގައި މިހާރު ޖުމްލަ 2،255 މީހުން ވަނީ މަރުވެފައެވެ. 

އަނެއްކޮޅުން ހުކުރު ދުވަހުގެ ރޭ، ދެކުނު ލުބުނާނުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަބަލަހައްޓާ ފައުޖުގެ އިތުރު މީހެއްގެ ގަޔަށް ވެސް ވަނީ ވަޒަން އަރާފައެވެ. މިއީ އިޒްރޭލު-ލުބުނާން ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ "ބްލޫ ހެލްމެޓް" ފައުޖުގެ މެމްބަރުންގެ ތެރެއިން މިދިޔަ ދެދުވަހުގެ ތެރޭގައި ވަޒަން އެރި ފަސްވަނަ މީހާ ކަމަށް ޔުނިފިލް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް