ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 09:17
 އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ގުޅުން ކޮންފަރެންސް
މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް - ރައީސް ޞާލިހު
މި ސަރުކާރުގެ ކިބައިން ފެންނަނީ ކަންކަން އިންތިހާ އަށް ކޮންޓްރޯލްކޮށް ބާރުތައް ޖަމާކުރުމުގެ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި
މީގެ އިތުރުން އެ މަނިކުފާނު ވަނީ އެގޮތަށް ބިރުވެރިކަން ފެތުރުމުގެ ސަބަބުން އިދިކޮޅު ޕާޓީތައް ހިންގަން އުނދަނގޫވާކަމަށް ސިފަކުރައްވާފަ

ޑީއާރުޕީ، ޕީޕީއެމް، ޕީއެންސީފަދަ ޕާޓީތައް ވެރިކަމަށް އަތުވެއްޖެނަމަ ބިރުވެރިކަން ފަތުރާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ. ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިއަ އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ފިކުރުތަކުގެ މީހުން ވެރިކަމުގައި ތިބޭ އިރު އާއްމުންނަށް އޮތީ އިންތިހާ ބިރުވެރިކަން ކަމަށެވެ. މިއަދު ވިޔަފާރިވެރިންނަށް ވެސް އޮތީ ބިރުވެރިކަން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ ކިބައިން ފެންނަނީ ކަންކަން އިންތިހާ އަށް ކޮންޓްރޯލްކޮށް ބާރުތައް ޖަމާކުރުމުގެ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ވެރިކަން މިހާރު ދަނީ ޚުދުމުޙުތާރު ވެރިކަމަކާއި ދިމާލަށް ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ވެރިކަން ކުރާ މީހާގެ އަތްދަށަށް ހުރިހާ ކަންކަމެއް ގެންގޮސް ބައެއްގެ ނުފޫޒުގެ ތެރެއަށް ކަންކަން ގެންދަން މަސައްކަތްކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޑީއާރުޕީ، ޕީޕީއެމް، ޕީއެންސީކަމަށް ވިޔަސް ވެރިކަމަށް އަތުވެއްޖިއްޔާ ބިރުވެރިކަން އާއްމުންގެ ތެރޭގައި އެބަ ފަތުރާ. އިނދިކޮޅުގައި އޮންނަ ޕާޓީއަކަށް އެހީއެއް ފޯރުކޮށްލުމަކީ ބިރުވެރިކަމަކަށް ވެފަ އޮންނަނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

މީގެ އިތުރުން އެ މަނިކުފާނު ވަނީ އެގޮތަށް ބިރުވެރިކަން ފެތުރުމުގެ ސަބަބުން އިދިކޮޅު ޕާޓީތައް ހިންގަން އުނދަނގޫވާކަމަށް ސިފަކުރައްވާފައެވެ. އޭގެ ސަބަބުން އިދިކޮޅު ޕާޓީތަކަށް އިންތިޚާބުތަކަށް ތައްޔާރުވާންވެސް އުނދަނގޫ ކަމަށް ރައީސް ޞާލިހު ވަނީ ސިފަކުރައްވާފައެވެ. ޕާޓީން ކުރަން ޖެހޭ ޚަރަދުތައް ކުރުމަކީ ދަތި އުނދަނގޫކަމެއް ކަމަށާއި ޕާޓީއަށް އާމްދަނީ ހޯދުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތަކީ ރަނގަޅު މަސައްކަތަކަށް ވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން ޕާޓީ އަކީ އެންމެންގެ ޕާޓީއަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. މިހާތަނަށް އައި އިރު ޕާޓީ އޮތީ ވަކި މީހެއްގެ ފަހަތުން ހިނގާ ޕާޓީ އެއްގެ ގޮތުގައި ކަމަށާ ޕާޓީ އަށް ބޭނުންވާ ފައިސާ ވެސް ހޯދަނީ އެ މީހެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެ މީހަކު ބުނާ ގޮތަކަށް ނޫން ގޮތަކަށްކަންކަން ކުރުމަކީ އުނދަނގޫ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް