ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 13:17
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން
އެމްޑީޕީ
ގައުމިއްޔަތު
މި ސަރުކާރުގެ ގައުމިއްޔަތުގައި އޮތީ ދޮގާއި މަކަރާއި އޮޅުވާލުން، ފަހުރުވެރި ދިވެއްސެކޭ މިއަދު ބުނަން ލަދުގަންނަ ހިސާބަށް ގޮސްފި - އިހުސާން
ދޮގާއި މަކަރާއި ހީލަތަކީ ރާއްޖޭގައި މިއަދު ވެރިކަން ކުރާ ސަރުކާރުން ވެރިކަމަށް ދެމެހެއްޓުމަށްޓަކައި ބޭނުންކުރާ އުކުޅެއް
ސަރުކާރުގެ ވެރިންގެ ކިބައިން ފެނިގެންދަނީ ސްކޫލް މަދުރަސާތަކުގައި ކިޔަވައިދޭ ގައުމިއްޔަތެއް ނޫން

މި ސަރުކާރުގެ ގައުމިއްޔަތުގައި އޮތީ ދޮގާއި މަކަރާއި އޮޅުވާލުން ކަމަށާއި، ބޭރު ގައުމަކަށް ގޮސް މޭގައި އަތްޖަހާލާފައި ފަހުރުވެރި ދިވެއްސެކޭ މިއަދު ބުނަން ލަދުގަންނަ ހިސާބަށް ކަންކަން ގޮސްފިކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މި ވެރިކަމަށް 1 އަހަރު ފުރުމާއި ގާތަށް އައި އިރު އެއްދުވަހު ދައްކާ ވާހަކައާއި ހިލާފަށް އަނެއްދުވަހު އެ ވާހަކަ އަޑުއިވެމުންދާ ކަމަށެވެ. އިހުސާން ވިދާޅުވީ ދޮގާއި މަކަރާއި ހީލަތަކީ ރާއްޖޭގައި މިއަދު ވެރިކަން ކުރާ ސަރުކާރުން ވެރިކަމަށް ދެމެހެއްޓުމަށްޓަކައި ބޭނުންކުރާ އުކުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ގައުމިއްޔަތަކަށްޓަކައި ފަހުރުވެރިވާންޖެހޭ ގައުމިއްޔަތު ނޫން ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ މި ގައުމު ވެއްޓިފައި އޮތް ހާލަތަކީ، އަވަށްޓެރި ގައުމަކަށް ގޮސްފައި މީގެ ކުރިން މޭގައި އަތްޖައްސާލާފައި ފަހުރުވެރި ދިވެއްސެކޭ ބުނި ނަމަވެސް، މިއަދު އެހެން ބުނަން ލަދުގަންނަ ކަމަށެވެ. ގައުމުގެ ހާލަތު ގެންގޮސްފައި އޮތް ހިސާބުން މިއަދު އެހެން ބުނަންވެސް ޖެހިލުންވާކަމަށް އިހުސާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އަވަށްޓެރި އިންޑިއާއަށް ގެންދަން ބަލައި އަންނަން އެމީހުންގެ މިލިޓަރީ އުޅަނދެއް ގެނެސް، ގެންގޮސް ބަހައްޓާ މީޑިއާތައް މެދުވެރިކޮށް ހެޓަކަށް ބަވާ ބުލީކޮށް ނިންމި އިރުގައި މި ސަރުކާރުގެ ވެރިން ތިބީ އަތްޖަހަން. އަޅުގަނޑުމެން އެކަމާއި ދެރަވެ ހިތާމަކުރަން. މިއެއް ނޫން އަޅުގަނޑުމެންގެ ވެރިން ދާންބޭނުންވާ ހިސާބަކީ. މިއެއް ނޫން އަޅުގަނޑުމެންގެ ގައުމިއްޔަތު އަޅުގަނޑުމެންގެ ގައުމުގައި އޮންނަން ބޭނުންވާ ގޮތަކީ. އެހެންނަމަވެސް ގައުމިއްޔަތުގެ މަފްހޫމު ރައްޔިތުންނަށް ބުނެދިނުމުގައި އެއިރުވެސް ތިބީ އެމްޑީޕީ، މިއަދުވެސް ތިބީ އެމްޑީޕީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް ދިވެހިން ބޭނުންވާ ގައުމިއްޔަތު ގެނެސްދިނުމުގައި މި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މުހިންމު އަސާސަކީ، ރައްޔިތުންގެ ޖަޒީރާވަންތަ ކުދި ރަށްތަކުގައި ދިރިއުޅުން ކަމަށެވެ. އެ ރަށްތަކުގެ ވަސީލަތްތަކުން މަންފާ އާއި އާމްދަނީ ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅުން ކަމަށާއި، އެއީ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެމީހުން އުޅޭ ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކީ ކޮންމެހެން ދައުލަތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކެއް ކަމަށާއި، އެކަން ގަބޫލުކުރީ އެމްޑީޕީން ކަމަށެވެ. ނިމިގެންދިޔަ ސަރުކާރުން އެ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ފަށައިގެން ކުރިއަށްގެންދިޔަ އެންމެހާ ޕްރޮޖެކްޓަކުގެ ތެރެއިން ނުނިމި ހުރި ޕްރޮޖެކްޓްތައް ހުއްޓާލާފައި ތިބެގެން މި ސަރުކާރުން ބުނަނީ އައިސްތިބީ ގައުމިއްޔަތާއިގެން ކަމަށް އިހުސާން ވިދާޅުވިއެވެ.

މިވަރުގެ ހެއްވާ ވާހަކައެއް ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލުކުރާނީ. ހިނގަމުންދާ މަޝްރޫއުތަކާއި، ރައްޔިތުންގެ ހައްގުގައި ސަރުކާރުތަކުން ކޮށްދެމުން އައި ކަންތައްތައް ހުއްޓާލައިގެން މި މީހުން ބޭނުންވާ ކަމެއް މި މީހުން ބޭނުންވާ ގޮތަކަށް ކުރަމުން މިބުނަނީ މިއައީ ގައުމިއްޔަތަކާއިގެން ކަމަށް. މި މީހުން ދައްކާ ވާހަކައެއް ދިމާ ނުވޭ އަދި ގަބޫލެއް ނުކުރެވޭ. ސްކޫލް މަދުރަސާތަކުގައި ކިޔަވައިދޭ ގައުމިއްޔަތެއް ނޫން ސަރުކާރުގެ ވެރިންގެ ކިބައިން ފެނިގެންދަނީ.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ މުދައްރިސުންގެ ދުވަހު ގައުމީ ޔުނިވަރސިޓީގައިވެސް އޮތީ ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަން އޮޅުވާލާ ދޮގާއި މަކަރުގެ ވާހަކަ ކިޔައިދިނުން ކަމަށެވެ. އެއީ މުޅި ސަރުކާރުގެ ކޮންމެ މިހެއްގެ ވެސް އާންމު އުސޫލު ކަމަށެވެ. އިހުސާން ވިދާޅުވީ ތައުލީމީ ގާނޫނޫގެ ވާހަކަ މިސަރުކާރުގެ ވެރިން ދައްކާ އިރު، އޭގައި އޮތީ ކޯއްޗެއްކަމެއްވެސް ނޭނގޭ ކަމަށާއި، ތޯތޯ ވާހަކަ ދައްކައިގެން ވާނީ ހުރިހާ ދިމާލަކުންވެސް ފަޟީހަތް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް