ފ.ފީއަލީ ފެނަކަ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަ ބޮޑުވެ، ރަށުން ކަރަންޓު ހިފެހެއްޓުމަކަށްޓަކައި އިދާރާ ތަކުން ކަރަންޓު ކަނޑާލައިފި އެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވީ، ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތުގެއްގައި ފެނަކަ ބްރާންޗުގެ މުވައްޒަފުން ކައުންސިލަށް އައިސް، ކަރަންޓު ކަނޑާލާ ވާހަކަ އަންގާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހުނީ ރަށުގައި މިވަގުތު ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެފައިވުމުގެ ސަބަބުން، ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތަކުން ކަރަންޓު ނުހިފާއްޓާތީ ކަމަށް ފެނަކައިން އަންގާފައިވާ ކަމަށް ވެސް މޫސާ އަޙުމަދު ވިދާޅުވި އެވެ.
މީގެ އިތުރުން ކަރަންޓު ހިފެހެއްޓުމަކަށްޓަކައި އެންމެ ފުރަތަމަ ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައި ވަނީ އިދާރާތަކުން ކަމަށް އަންގާފައިވާ ކަމަށް ވެސް މޫސާ އަޙުމަދު ވިދާޅުވި އެވެ. އެއަށްފަހު ކަރަންޓު ހިފަހައްޓާތޯ ބަލާނެ ކަމަށާއި، އެވަރުން ވެސް ނުހިފާއްޓާ ނަމަ އެކި ސަރަަހައްދުތަކުގެ ގޭބިސީތަކުން އެކި ވަގުތުގައި ކަރަންޓު ކަނޑާލާނެ ކަމަށް ވެސް ފެނަކައިން އައި މުވައްޒަފުން ބުނެފައިވާ ކަމަށް މޫސާ އަޙުމަދު ވިދާޅުވި އެވެ. ހަމައެއާއެކު ކަރަންޓުގެ ލޯޑު ކުޑަ ކުރުމުގެ ގޮތުން މިސްކިތްތަކުގައި ބޭނުން ކުރަމުން އަންނަ އޭސީތައް ވެސް ބޭނުން ނުކުރަން އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.
މެންދުރެއްހާއިރު އައިސް ކަރަންޓު ކަނޑާލީ. ފެނަކައިން އައި މުވައްޒަފު އެންގީ ކަރަންޓު ލޯޑު ނުހިފާއްޓާތީ އިދާރާ އިން ކަރަންޓު ކަނޑާލަނީ ކަަމަށް. އެއަށްފަހު ވެސް ލޯޑު ނުހިފާއްޓާ ނަމަ، އެކި ސަރަަހައްދުތަކުގެ ގޭބިސީތަކުން އެކި ވަގުތުގައި ކަރަންޓު ކަނޑާލާނެ ކަމަށް ވެސް ބުނެފައި ދިޔައީ.މޫސާ އަޙުމަދު / ފީއަލީ ކައުންސިލްގެ ރައީސް
ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވެފައިވާ ގޮތުގައި މެންދުރު ގާތް ގަނޑަކަށް 13:00 އެއްހާއިރު، ކައުސިލުން ކަރަންޓު ކަނޑާލުމާ ގުޅިގެން އެ އިދާރާ މިވަގުތު ހުރީ ބަންދު ކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުން ދެމުން އަންނަ ޚިދުމަތްތައް މިވަގުތަށް ހުއްޓިފައިވާ ކަމަށް ވެސް މޫސާ އަޙުމަދު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ ރަށުގައި ހުންނަ ފ.އަތޮޅު މަދަރުސާ އިން ވެސް ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. އޭގެ އިތުރުން އުރީދޫ ސައިޓު އަދި ދިރާގު ސައިޓުން ވެސް ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ރަށުގައި ހުރި މުއައްސަސާތަކުގެ ތެރެއިން ކަރަންޓު ކަނޑާނުލަނީ ހަމައެކަނި ޞިއްޙީ މަރުކަޒުންނެވެ.
އޭގެ ފަހުން މިހާރު ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެގޮތުން ހަތަރު ލައިނަކަށް ބަހާލައިގެން ރަށަށް ކަރަންޓު ދެމުން އަންނައިރު، މިވަގުތު ކަރަންޓު ދެމުން އަންނަނީ ތިން ލައިނަކަށެވެ. އެހެންކަމުން، އަބަދު ވެސް ރަށުގެ ކޮންމެ ވެސް އެއް ލައިނަކުން ކަރަންޓު ހުންނާނީ ކަނޑާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީން ސުވާލު ކުރުމުން ފީއަލީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަޙުމަދު ޒާހިރު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅެނީ ޖަނަރޭޓަރަަކަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފަ އެވެ. ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުގެ އިދާރާތަކުން ކަރަންޓު ކަނޑާލުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒާހިރު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން މިވަގުތު ދަތި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޖަނަރޭޓަރަކަށް ކުއްލި މައްސަލައެއް ދިމާވީ. އެކަން ޙައްލު ކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން. އިތުރު އެއްޗެއް ދަންނަވަން މިވަގުތު އުނދަގޫ"، ފެނަކަ ފީއަލީ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަޙުމަދު ޒާހިރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ފީއަލީ ފެނަކަ ބްރާންޗުގައި ހުރި އިންޖީނުތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަނީ ކަރަންޓުގެ ދަތިކަމާ ކުރިމަތިލާން ޖެހިފަ އެވެ.