ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 13:24
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
މަސްތުވާތަކެތީގެ މައްސަލަ
ރާއްޖެއެތެރެކުރަން އުޅުނު 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުން ކޮކެއިން ފެނިފައިވޭ
މަސްތުވާތަކެތީގެ މަގުމަތީ އަގު 7 މިލިއަން ރުފިޔާއަށް އަރާ

ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއައި ފަސިންޖަރެއްގެ ލަގޭޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން 2024 އޮކްޓޯބަރު 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެއައި، ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގޭޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގޭޖް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ލަގޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 6,100,000.00 (ހަ މިލިއަން އެއްލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

އަދި 2024 އޮކްޓޯބަރު 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 1,040,000.00 (އެއްމިލިއަން ސާޅީސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ. 

މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.48 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލާ ކަސްޓަމްސްއަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް