ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 13:17
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ރާއްޖެއަށް ބޭނުންވާ ދިރާސާތައް ކުރުން
އިލްމީ ދިރާސާތައް ކުރުމަށް ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި މުޖުތަމައަށް ބޭނުންވާ އެކިއެކި ދީނީ، އިލްމީ ދިރާސާތައް ބޭނުންވޭ
މި އެއްބަސްވުމުގެ ދަށުން އިތުރު ކުރިއެރުންތައް ލިބޭނެ
ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ލިބޭނެ

ދިވެހިރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތައް ކުރުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އަދި ފަތުވާ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެވެ.

މިއީ ދިވެހި މުޖުތަމައަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމުކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމައުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުގެ ބޭނުމުގައި އިލްމީ ދިރާސާކުރުމާއި އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، އިލްމީ މަސައްކަތްތަކެއް ކުރުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ދެ އިދާރާ ގުޅިގެން ދިވެހި މުޖުތަމައަށް ބޭނުންވާ އެކިއެކި ދީނީ، އިލްމީ ދިރާސާތައް ކުރުމާއި، ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކާއި އިލްމީ މަސައްކަތްތައް ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެއަށް ވަރަށް ގިނަ ދިރާސާތައް ބޭނުންވާ ކަމަށާއި، މިކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. މި ވެވުނު އެއްބަސްވުމުގެ ދަށުން އިތުރު ކުރިއެރުވުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ބަވަނަވަމުންދާ ދުނިޔޭގައި އިގްތިސާދީ، އިޖްތިމާއީ ދާއިރާ އަދި ގަޟާއީ ކަންތައްތަކުގެ ތެރޭގައި ވެސް ވަރަށް ގިނަ ކަންކަން ކުރިމަތިވަމުންދާ ކަމަށާއި، އިސްލާމީ ނަޒަރުން ރައުޔު ބުނެދޭންޖެހޭ ކަމަށެވެ. މިފަދަ ކަންކަމުގައި ރައުޔު ނެރުމަށް އިސްލާމިކް ޔުނިވާސިޓީ ފަދަ އިލްމީ މުއައްސަސާއަކުން ނެރޭ ބަހުސްތަކަށް ބިނާކޮށް، ފަތުވާ ކޮމެޓީން މަސައްކަތްތަކަށް އިތުރު ބާރަކަށްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އިސްލާމް ދީނާ ޒަމާނީ އެކިއެކި މައްސަލަތަކާއި މިގުޅުމުގެ ތެރެއިން ޝަރުއީ ރަނގަޅު ދިރާސާތައް އައިސް މީސްތަކުންގެ ހިތްތަކުގައި އުފެދިފައި ހުރި ސުވާލުތަކަށް ހަރުދަނާ ޖަވާބުތަކެއް އެބަ ބޭނުންވޭ. އިގްތިސާދީ ކަންކަމުގައި ވެސް މިޒަމާނުގެ ވެށީގައި އުފެދެމުން މިއަންނަ އައު ކަންތައްތަކަށް މުސްލިމުންނަށް ޖަވާބެއް ބޭނުންވޭ. ހެއްކާ ގަރީނާގެ ތެރެއިން އުފެދިގެން އަންނަ އައު ކަންތައްތަކަށް ޖަވާބު ބޭނުންވޭ. ޝަރުއީ ގޮތުން ހުކުމެއް ބަޔާންކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެން ދިއުން.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު

ސޮއިކުރެވުނު އެއްބަސްވުމާއި ގުޅިގެން އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ އާންމު ދާއިރާތަކަކީ ކަނޑައެޅޭ ދާއިރާތަކަކުން އިލްމީ ދިރާސާތައް ކުރުމާ އެކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، ދިރާސާތައް ކުރުމުގެ ބޭނުމަށްޓަކައި އިލްމުވެރިންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ހިމާޔަތް ކުރުމަށާއި، ދީނުގެ މެދުމިންވުމުގެ ސިޔާސަތު ދެމެހެއްޓުމުގައި އެއްބާރުލުން ދިނުމާއި، ރާއްޖޭގެ މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލްމީ މަސައްކަތްތައް ކުރުމުގައި އެހީތެރިވުމާއި، އިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުމާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުމާއި، އަދި މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމުގެ މަގުސަދު ހާސިލު ކުރުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް