ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 12:43
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ކާބޯތަކެތި ވިއްކުން
ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
"ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑް ގަތުމުގައި ސަމާލުވާންޖެހޭ
އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ އެކަން ރިޕޯޓު ކުރުމަށް އެދިފައިވޭ
މި މަސައްކަތް ކުރިއަށް ގެންދިއުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވޭ

ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީ) އިން ވަނީ "ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ "ބްރައިޓް ވިއު" ބްރޭންޑަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ދަފުތަރުގައި ރަޖިސްޓްނުވާ ފަރާތަކަށްވާތީ މިތަކެތި ގަތުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެމްއެފްޑީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ހިންނަވަރު އަތުޖެހި"ގެ ނަމުގައި ވިއްކަމުންދާ ޕްރޮޑަކްޓަކީ 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން އެއޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށެވެ.

އެމްއެފްޑީއިން ބުނީ އެއުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް "ދަފްތަރު' ގެ ނަމުގައި އެ އޮތޯރިޓީގެ 'ދިރިތި' ޕޯޓަލްhttps://dhirithi.egov.mvއާއި ވެބްސައިޓްhttps://mfda.gov.mvއަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓްhttps://health.gov.mvގައި އަދާހަމަކޮށް ޝާއިއު ކުރަމުންދާ ކަމަށެވެ.

އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ، އެކަން އެ އޮތޯރިޓީގެ ނަންބަރު 3014361/7603204 ފޯނަށް ގުޅާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ހެލްތް މިނިސްޓްރީން ބުނީ މިއީ އާއްމުން ސިއްހީ ރައްކާތެރިކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދާ ވިއްކާ ގިނަ ބާވަތްތައް ހިމެނޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ދަފްތަރުގައި ރަޖިސްޓްރީނުވެ އެކަން ކުރާކަން ފާހަގަކުރެވިއްޖެނަމަ ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އަމަލުކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށާއި، އުފައްދާ ކާތަކެއްޗާއި މެދު ސަމާލުވުގެ އިލްތިމާސް ނެރޭނެ ކަމަށެވެ.

ހެލްތް މިނިސްޓްރީ މެދުވެރިވެ، އެމްއެފްޑީއޭއިން އާއްމުންނަށް ވިއްކަމުންދާ ކާބޯތަކެއްޗަށް އިތުރަށް ސަމާލުވާން ފަށާފައިމިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މުޑުދާރުކޮށް ހުންނަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ރެއިޑް ކުރި ފަހުންނެވެ. އެތަންތަނުގައި ބިދޭސީން ތައްޔާރުކޮށް ވިއްކާފައިވަނީ ހެދިޔާ، އެކިކަހަލަ ކުޅި ކާޖާގެ ބާވަތްތައް ހިމެނޭ ޕެކެޓް، ޕެކެޓް ކޮށްފައި ހުންނަ ތެލުލި ފަތް، މަސްމިރުސް، ފޯއްޕެކެޓް އަދިވެސް އެހެނިހެން ބާވަތްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް