ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 00:41
ރަތަން ޓާޓާ
ރަތަން ޓާޓާ
ގެޓީ އިމޭޖަސް
ރަތަން ޓާޓާ
އިންޑިއާގެ މަޝްހޫރު ބިލިއަނަރ ރަތަން ޓާޓާ ނިޔާވެއްޖެ
ރަތަން ޓާޓާގެ މޭސްތިރި ކަމުގައި ޓާޓާ ސަންސް ވަނީ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެ ގޮތުން އައިޓީގެ ދާއިރާ އިން ފެށިގެން ސްޓީލް އުފެއްދުމާއި، އެއްގަމު އުޅަނދުފަހަރު އުފެއްދުމާއި އަދި ފަތުވެރިކަން ފަދަ ގިނަ ދާއިރާތަކަކަށް ވިޔަފާރި ވަނީ ފުޅާ ކޮށްފައެވެ

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، ބިލިއަނަރ ރަތަން ޓާޓާ އުމުރުން 86 އަހަރުގައި މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ބުދަ ދުވަހުގެ ރޭ ނިޔާވެއްޖެއެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ތެރެއިން އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ، ޓާޓާ ސަންސްގެ ޗެއަރމަން އެމެރިޓަސް ނިޔާވީ ހޮސްޕިޓަލުގައި އިންޓެންސިވް ކެއަރގައި ފަރުވާދެމުން ދަނިކޮށްނެވެ.

1937 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ގުޖުރާތުގެ ނަވްސާރީގައި އުފަންވި ރަތަން ޓާޓާއަކީ ޓާޓާ ގްރޫޕްގެ ބާނީ ޖަމްސެޓްޖީ ޓާޓާގެ މުނިކާފަ ދަރިކަލެކެވެ. ރަތަން ޓާޓާ މި ބޮޑު އާއިލީ ވިޔަފާރި އާ ހަވާލުވީ 1991 ވަނަ އަހަރުއެވެ.

ރަތަން ޓާޓާގެ މޭސްތިރި ކަމުގައި އެ ކުންފުނިން ވަނީ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެ ގޮތުން އައިޓީގެ ދާއިރާ އިން ފެށިގެން ސްޓީލް އުފެއްދުމާއި، އެއްގަމު އުޅަނދުފަހަރު އުފެއްދުމާއި އަދި ފަތުވެރިކަން ފަދަ ގިނަ ދާއިރާތަކަކަށް ވިޔަފާރި ވަނީ ފުޅާ ކޮށްފައެވެ. ކާރަކީ އާދައިގެ މީހުންނަށް ވެސް އަތްފޯރާ ފަށުގެ އެއްޗަކަށް ހެދުމަށް 2008 ގައި ޓާޓާ ނެނޯ ތަޢާރަފުކުރުން އެއީ ރަތަން ޓާޓާގެ ލެގަސީގައި ފާހަގަ ކުރެވިގެންދާނެ ކަމެއް ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެފައިވެއެވެ.

އިންޑިއާގެ ޞިނާއީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތަކަށްޓަކައި 2000 ވަނަ އަހަރު ޕަދްމަ ބޫޝަން އަދި 2004 ވަނަ އަހަރު ޕަދްމަ ވިބޫޝަން އިނާމު ރަތަން ޓާޓާ އަށް ދީފައިވެއެވެ.

ރަތަން ޓާޓާގެ ވަކިވެ ދިއުމަކީ އިންޑިއާގެ ވިޔަފާރީގެ ދުނިޔެއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އިންޑިއާގެ ބައެއް މީޑިއާއިން ސިފަކޮށްފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަތަން ޓާޓާއަށް ތަޢުރީފުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓްގައި އޭނާއަކީ 'ދުރުވިސްނުންތެރި ވިޔަފާރީގެ ލީޑަރެއް، އަދި އާދަޔާޚިލާފް އިންސާނެއް' ކަމުގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް