ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 09:17
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ހުންނެވި މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ހުންނެވި މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)
މިހާރު
އެފްއޭއެމް
އެފްއޭއެމަށް ޖެނަރަލް ސެކްރެޓަރީއަކު ހޯދަން އިއުލާން ކޮށްފި
މިވަގުތު އެފްއޭއެމްގެ ހިންގާ ކޮމެޓީއެއް ނެތްއިރު، ޖެނަރަލް ސެކްރެޓަރީ އަކަށް އަންނަ ފަރާތެއް ރިޕޯޓު ކުރަން ޖެހޭނީ އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަދި އެ ކޮމެޓީ އަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.

އެފްއޭއެމް އިން މި ހަފުތާގެ އާދީއްތަ ދުވަހު ކޮށްފައިވާ އެ އިއުލާންގެ މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. އެފްއޭއެމަށް ޖެނަރަލް ސެކްރެޓަރީ އަކު ހޯދަން އިއުލާން ކޮށްފައިވާއިރު، މިހާރު އެ މަޤާމުގައި ހުރީ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

އެ މަޤާމަށް ޖައު އައްޔަންކޮށްފައި ވަނީ އޭނާގެ ކުރިން އެ މަޤާމުގައި ހުރި ޙުސެއިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޖައު އައްޔަން ކުރަން ނިންމީ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުތީ ޖެނަރަލް ސެކްރެޓަރީ ކަމުގައި ޖައުގެ ދައުރު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހަށެވެ. އެހެންވެ، އެފްއޭއެމް އިން ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދަން އިއުލާން ކުރީ އެވެ.

އެފްއޭއެމް އިން ކޮށްފައިވާ އިއުލާންގައި ވާގޮތުން ޖެނަރަލް ސެކްރެޓަރީގެ މަޤާމުގެ މުސާރަ އަކީ ދެ ފަރާތް އެއްބަސްވާ އަދަދެކެވެ. އެ މަޤާމުގެ ތައުލީމީ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓު، ގަވަނަންސް، ލޯ ނުވަތަ އެއާ ގުޅުން ހުރި ދާއިރާ އަކުން އެޑްވާންސް ޑިގްރީ ހާސިލްކޮށްފައި ހުންނަން ޖެހޭނެ އެވެ. އަދި ކުޅިވަރު ނުވަތަ ފުޓްބޯޅަ މެނޭޖްމަންޓުގެ ދާއިރާ އިން އިތުރު ސެޓްފިކެޓެއް އޮތުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މާާލީ ގޮތުން ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމް މިވަގުތު އޮތީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނޯމަލައިޒް ކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ރައީސަކަށް ކުރިން ހުންނެވި ބައްސާމް އަދި އޭނާގެ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައިވާތީ އެވެ. ބައްސާމްގެ ދައުރު ހަމަވެފައިވާއިރު، އެފްއޭއެމް އިން ވަނީ އިންތިޚާބު ބޭއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް ފީފާ އިން ވަނީ އެ އިންތިޚާބުގެ ކަންކަން ހުއްޓުވައިފަ އެވެ. މިވަގުތު އެފްއޭއެމްގެ ހިންގާ ކޮމެޓީއެއް ނެތްއިރު، ޖެނަރަލް ސެކްރެޓަރީ އަކަށް އަންނަ ފަރާތެއް ރިޕޯޓު ކުރަން ޖެހޭނީ އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަދި އެ ކޮމެޓީ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް