ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 14:13
ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި، ސުންނާފަތިވެފައިވާ ޓެންޓުތައް ކައިރިން ފިރިހެނަކު ހިނގާފައިދާ މަންޒަރު
ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި، ސުންނާފަތިވެފައިވާ ޓެންޓުތައް ކައިރިން ފިރިހެނަކު ހިނގާފައިދާ މަންޒަރު
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ބޮން އަޅާ، 15 މަރު
ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 5 ކުޑަކުދިންނާއި 2 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ބޮން އަޅާ މަދުވެގެން 15 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 5 ކުޑަކުދިންނާއި 2 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަފާ ނިއުސް އެޖެންސީ އިން ރިޕޯޓްކުރާ ގޮތުގައި، ހަމަލާގައޮ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ ބްލޮކް 3 ގައި ހުރި ގެއަކަށް އިޒްރޭލުން ބޮން އަޅާ 9 މީހުން ޝަހީދުކޮށްލާފައިވެއެވެ. ހަމައެއާއެކު، ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދިޔަ މީހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިތުރު 3 މީހުން ޝަހީދުވެފައިވާކަމަށް ވެސް ވަފާ ނިއުސް އެޖެންސީ އިން ބުނެއެވެ.

މީގެއިތުރުން، ރަފަހުގެ އުތުރުގައި އޮންނަ ޚިރުބަތު އަލް-އަދަސް ސަރަޙައްދަށް ވެސް އިޒްރޭލުން ބޮން އަޅާ އެކަކު ޝަހީދުކޮށްލުމުގެ އިތުރުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާތައް ދީފައިމިވަނީ، އޭގެ ކުރީ ދުވަހު އިޒްރޭލުން ޣައްޒާ ސްޓްރިޕްގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕު ހިމެނޭ ގޮތަށް، ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކުގައި މަދުވެގެން 77 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައި ވަނިކޮށެވެ.

ހުޅަނގުގެ އެހީތެރިކަމާ އެކު އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ދެވަނަ އަހަރަށް ވަދެފައިވާއިރު، ހަނގުރާމާގައި މަދުވެގެން 41,909 މީހުން މަރުވެ، 97,303 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް