ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 09:15
މެސީ އާއި އިނިއެސްޓާ އެކުގައި ބާސެލޯނާ އަށް ކުޅުނުއިރު
މެސީ އާއި އިނިއެސްޓާ އެކުގައި ބާސެލޯނާ އަށް ކުޅުނުއިރު
ގޯލް.ކޮމް
އަންދްރޭސް އިނިއެސްޓާ
އިނިއެސްޓާ އަކީ އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ: މެސީ
މެސީ އާއި އިނިއެސްޓާ ވަނީ އެކުގައި ބާސެލޯނާ އަށް ކުޅެފަ އެވެ. ދެ ކުޅުންތެރިން އެކުގައި ވަނީ ބާސެލޯނާ އަށް 482 މެޗު ކުޅެދީފަ އެވެ.

ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަންދްރޭސް އިނިއެސްޓާ އަކީ އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ ކަމަށް، އޭނާއާ އެއް ޓީމަކަށް ކުޅުނު ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނެފައި ވަނީ ފުޓުބޯޅަ އިން ރަސްމީކޮށް ރިޓަޔާ ކުރުމަށް އިނިއެސްޓާ ނިންމި ނިންމުމާ ގުޅިގެންނެވެ. އެގޮތުން އިނިއެސްޓާ އެކަން އިއުލާން ކުރިތާ އިރުކޮޅެއްގެ ތެރޭގައި މެސީ ވަނީ، އޭނާގެ އިންސްޓަގްރާމްގައި އިނިއެސްޓާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމަށްފަހު، މެސެޖެއް ލިޔެފަ އެވެ.

އެ މެސެޖުގައި މެސީ ބުނެފައި ވަނީ، އިނިއެސްޓާ އަކީ އެންމެ ޖާދުވީ އެއް ކުޅުންތެރިޔާ ކަމަށާއި، އިނިއެސްޓާ އާއެކު ފުޓުބޯޅަ ކުޅުމުގެ އުފާ ލިބިގަނެފައިވާ ކަމަށެވެ. ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިނިއެސްޓާ އަށް އިޝާރާތް ކުރަމުން މެސީ ބުނެފައި ވަނީ، އިނިއެސްޓާގެ މަތުންް ބޯޅަ ވަރަށް ހަނދާން ވާނެ ކަމަށާއި، އޭނާ ވެސް އިނިއެސްޓާ މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. އަބަދު ވެސް އިނިއެސްޓާ އަށް ފުރިހަމަ ކާމިޔާބަށް އެދޭކަން ފާހަގަކޮށް މެސީ ބުނީ، އިނިއެސްޓާ އަކީ ވަރަށް ޚާއްސަ ކުޅުންތެރިޔެއް ކަމަށެވެ.

މެސީ އާއި އިނިއެސްޓާ ވަނީ އެކުގައި ބާސެލޯނާ އަށް ކުޅެފަ އެވެ. ދެ ކުޅުންތެރިން އެކުގައި ވަނީ ބާސެލޯނާ އަށް 482 މެޗު ކުޅެދީފަ އެވެ. އެ މުއްދަތުގައި މެސީ ވަނީ ބާސެލޯނާ އަށް 412 ލަނޑު ޖަހައި، 150 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ބާސެލޯނާ އިން ފެށިގެން މި ދެ ކުޅުންތެރިން މެދުގައި ގާތް ކަމެއް ވެސް އޮވެ އެވެ. ބާސެލޯނާ އިން 2009 ވަނަ އަހަރާއި، 2011 ވަނަ އަހަރު އަދި 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޔޫރަޕުގައި އެ ކުލަބުގެ ބާރު ދައްކަމުން ދިޔައިރު، އިނިއެސްޓާ އަދި މެސީގެ ދައުރު ވަރަށް ބޮޑެވެ.

ގިނަ އަހަރުތަކަކަށްފަހު، 2018 ވަނަ އަހަރު އިނިއެސްޓާ ބާސެލޯނާ ދޫކޮށްލަން ނިންމުމާއެކު، އެ ކުލަބުގެ ކެޕްޓަނަކަން ދެން ހަމަޖެއްސީ ވެސް މެސީ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު މެސީ ވެސް ވަނީ ބާސެލޯނާ ދޫކޮށްލައިފަ އެވެ. ބާސެލޯނާ ދޫކޮށްލުމަށްފަހު މެސީ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. އަބަދު ވެސް އިނިއެސްޓާ ފާހަގަ ކުރަމުން އަންނަ ގޮތުގައި މެސީ އަކީ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް