ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 13:31
ކަނޑުހުޅުދޫ ބަނދަރު
ކަނޑުހުޅުދޫ ބަނދަރު
ރާއްޖެއެމްވީ
ކަނޑުހުޅުދޫ ބަނދަރު
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި
މަސައްކަތް ހުއްޓުވީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ނުދާތީ

ގއ. ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުވައިފިއެވެ.

 

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ބަނދަރުގެ މަސައްކަތް ރައްޔިތުން ނިކުމެ ހުއްޓުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށެވެ.

 

އެގޮތުން 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީން ކައުންސިލްއަށް އަންގާފައިވަނީ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތް ބެލުމަށްފަހު މިނިސްޓްރީއަށް އެންގުމަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް އަންގާފައިވާއިރު މިއަދާއި ހަމައަށްވެސް އެކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ލިބިފައި ނުވާ ކަމަށެވެ.

 

ރައްޔިތުން ބޭނުންވަނީ ބަނދަރު 100 ފޫޓަށް ދިގުކޮށް އިތުރަށް 50 ފޫޓް ފުޅާ ކުރަން ކަމަށާއި މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަނދަރުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

 

އެމްޓީސީސީން ކުރިއަށްގެންދާ މިމަޝްރޫއުއަށް ރައްޔިތުން މިހާތަނަށްވެސް އާނބަސް ކިޔައިގެން ތިބީ އެދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ބަނދަރުގެ ކަންކަން ހައްލުވާނެ ކަމަށް ވިދާޅުވަމުންދާތީ ކަމަށާއި އެހެން ނަމަވެސް މިކަން ނުވެ ދިގުލައިގެން ދިޔުމުން ރައްޔިތުން ނިކުމެ މައްސަކަތް ހުއްޓުވީ ކަމަށް ކައުންސިލުން ބުންޏެވެ.

 

މިހާރު ބަނދަރުގެ ދިގު މިނުގައި 500 ފޫޓް އަދި ފުޅާ މިނުގައި 250 ފޫޓް ހުންނައިރު، އެރަށަކީ މަސްވެރި ރަށަކަށްވެފައި ބަނދަރު އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ރަށުގެ ރައްޔިތުން ދެކޭ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

 

ކަނޑުހުޅުދޫ އަކީ 956 މީހުންގެ އާބާދީ އޮންނަ ރަށެކެވެ. އެ ރަށް ކައިރީގައި އޮންނަ މާވާރުލުގައި އެއާޕޯޓެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް