ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 01:09
ސިވިލް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ތަމްރީން ހޯދަން އިންޑިއާ އަށް ދިއުމަށް އެއަރޕޯޓުގައި
ސިވިލް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ތަމްރީން ހޯދަން އިންޑިއާ އަށް ދިއުމަށް އެއަރޕޯޓުގައި
ސިވިލް ސާވިރސް ކޮމިޝަން
އެމްޑީޕީގެ ކަންބޮޑުވުން
ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެނުންނަށް މިސަރުކާރު މިވަނީ ބިރަކަށް ވެފައި: އެމްޑީޕީ
މިސަރުކާރުން އަންހެންނުންނަށް ކުރާ ފުރައްސާރަ އިތުރުވަމުންދާ ކަމަށް އެމްޑީޕީން ބުނޭ
ވަޒީފާގެ ބިރު ދައްކައި، ނަފްސާނީ ގޮތުން ގެއްލުންދީ، ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކުރޭ
މިނިސްޓްރީ އޮފް ސޯލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް ވެފައި ވަނީ އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީއަށް ކަމަށް އެމްޑީޕީ އިން ބުނޭ

ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެނުންނަށް މިސަރުކާރު މިވަނީ ބިރަކަށް ވެފައި ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

މިކަންބޮޑުވުން ހާމަކޮށްފައިވަނީ ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ފުރައްސާރަ ކޮށް، އަންހެނުންގެ ހައްގުތަކަށް އަރައިގަތުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައެވެ.

އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ރޮނގުން އަންހެނުން ބާރުވެރި ކުރުވުމަށް އެމްޑީޕީގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައ ވަނިކޮށް ޕީޕީއެމް/ޕީއެންސީގެ މި ސަރުކާރު އައުމާ އެކު މި ހުރިހާ ރޮނގަކުން އަންހެނުންނަށް ލިބެމުން އައި ފުރުސަތުތައް ވަނީ ހަނިކޮށްފައި ކަމަށް މި ބަޔާނުގައި ވެއެވެ.

"އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކޮށް، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ފުރިހަމައަށް ބިނާކުރަނިވި ގޮތެއްގައި ބައިވެރިވެވޭނެކަން ކަށަވަރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތައް މިއަދު މިވަނީ ހުއްޓުމަކަށް އައިސްފާކަން ހިތާމައާއެކު މި ޕާޓީއިން ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ.

ޔޫއެންޑީޕީ އާ ގުޅިގެން އެމްޑީޕީ ސަރުކާރުން އެކުލަވާލި ޖެންޑަރ އީކުއޭލިޓީ އެކްޝަން ޕްލޭނުގައި 2024 ވަނަ އަހަރު ކުރަން ހުރި މަސައްކަތްތައް ހިންގަމުންދާ ގޮތުގެ އެއްވެސް ތަފްސީލެއް މި ސަރުކާރުން ހާމަނުކުރާތީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް އިތުރު މަސައްކަތެއް ކޮށްނުދެވުނު ޙާލު، މިއަދު އެމްޑީޕީ އިން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މިވަނީ މިސަރުކާރުން އަންހެންނުންނަށް ކުރާ ފުރައްސާރަ އިތުރުވަމުންދާ މައްސަލަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެތައް ޒަމާނެއްވަންދެން ސިވިލް ސާރވސްގައި މަސައްކަތް ކޮއްފައ ތިބި، ތައުލީމީ ތަޖުރިބާކާރު ފަންނީ މުވައްޒަފުންނަށް މި ސަރުކާރުން، ސިޔާސީ ބޭނުމަށް ޓަކައި، ވަޒީފާގެ ބިރު ދައްކައި، ނަފްސާނީ ގޮތުން ގެއްލުންދީ، އެމީހުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހާއްސަކޮށް އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރިކުރުމަށް އެމްޑީޕީ ސަރުކާރުގައި އުފެއްދި ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ނަމުން 'ޖެންޑަރ' މި ބަސް އުނިކޮށް، މި ސަރުކާރުން އުފައްދާފައި މިވާ މިނިސްޓްރީ އޮފް ސޯލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް ވެފައި ވަނީ އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީއަށް ކަމީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް ކަމުގައެވެ.

އަންހެނުން ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް މިސަރުކާރުގަ އޮތް ކަމާ މެދު މިއަދު އަންހެނުން އެދަނީ ސުވާލު އުފައްދަމުން ކަމަށްވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އަންހެނުންނަށް ކުޑައިމީސްވާގޮތައް، އަންހެނުންގެ ގަދަރަށް އުނިކަން ލިބޭ ގޮތައް، ތަކުރާރުކޮށް ވާހަކަ ދައްކަމުންދާއިރު ސަރުކާރުން މިކަމުގައި ހަނުހުރުމަކީ މި ސަރުކާރުން މިފަދަ ކަންކަމުގައި ދެކޭ ގޮތް ވަރަށް ސާފުކޮށް ދޭހަވާ ކަމެއް ކަމުގައި އެމްޑީޕީ އިން ދެކޭ ކަމުގައެވެ.

މިއަދު ރާއްޖޭގައި އަންހެނުން މިތިބި ހިސާބަށް ވެސް އާދެވިފައި މިވަނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށްވީ ހިނދު، އަންހެނުންނަށް މިހާރު އާދެވިފައިވާ ހިސާބުން އަނެއްކާވެސް ފަހަތަށް ޖެއްސުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމްޑީޕީ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް