ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 10:07
މެޗުގައި ލަނޑު ޖެހުމަށްފަހު ސަކާ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސަކާ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
އާސެނަލް މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން
މޮޅާއެކު އާސެނަލް އޮތީ ތިން ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1ންނެވެ. އެއީ މެޗުގައި ސައުތެމްޓަން އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ސައުތެމްޓަން އަށް ލީޑު ނަގައިދިނީ ކެމަރަން އާޗާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަަތު ތަނަވަސްކޮށްދިނީ މަތެއުސް ފެނާންޑޭސް އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކައި ހަވާޓްޒް އެވެ. އޭނާ އެ ލަނޑު ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ދިހަ މިނެޓު ފަހުން، މެޗުގެ 68 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް މާާޓިނެލީ އެވެ. އެ ލަނޑު ޖަހަން މާޓިނެލީ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސަކާ އެވެ. މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޖެހީ ސަކާ އެވެ.

މޮޅާއެކު އާސެނަލް އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް