ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 22:39
ޙާޝިމް ސަފީއުއްދީން
ޙާޝިމް ސަފީއުއްދީން
އޭއެފްޕީ
ލުބުނާން-އިޒްރޭލު ހަނގުރާމަ
ހިޒްބުﷲ ގެ އިސްލީޑަރު ސަފީއުއްދީން އާ ގުޅުން ކެނޑިއްޖެ
ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުން ދެހާހާ ގާތްކުރާ އަދަދެއްގެ ލުބުނާނު މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުނާއި ކުޑަކުދިންނާއި ސިއްހީ އޮފިޝަލުން ހިމެނެއެވެ. އަދި ލުބުނާނުގެ 1.2 މިލިއަން މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާންޖެހި ރެފިއުޖީންނަށް ވެފައެވެ.

އިޒްރޭލުން އަވަހާރަކޮށްލި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲގެ ގެ ބަދަލުގައި އެ ޖަމާއަތުގެ ލީޑަރުކަމަށް އައްޔަން ކުރާނެ ކަމަށް ބެލޭ ހާޝިމް ސަފީއުއްދީން އާ ހުކުރު ދުވަހުން ފެށިގެން ގުޅުން ކެނޑިފައިވާ ކަމަށް ލުބުނާނުގެ ސެކިއުރިޓީ މަސްދަރަކުން ހޮނިހިރު އަލް އަރަބިއްޔާ އަށް މައުލޫމާތު ދީފިއެވެ.

އީރާނުގެ މަދަދުވެރިކަމާއެކު ހިންގާ ލުބުނާނުގެ ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ ކެމްޕޭނުގައި، އިޒްރޭލުން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.

އެކްސިއޮސް ނޫހުން އިޒްރޭލުގެ ތިން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާ އަމާޒުކުރެވުނީ ބިމުއަޑީގެ ބަންކަރެއްގައި ހުރި ހާޝިމް ސަފީއުއްދީނަށް ކަމުގައެވެ.

ލުބުނާނުގެ ސެކިއުރިޓީ މަސްދަރުތަކުން ބުނާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ބެއިރޫތުގެ ދެކުނު ސަރަހައްދު - ދާހިޔާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ހަމަލާ ދެވުނު ސަރަހައްދު ބަލައި ފާސްކުރުމަށް ރެސްކިއު ޓީމުތަކަށް ވަދެވޭގޮތް ވަނީ ނުވެފައެވެ.

ހަމަލާ ދިންފަހުން މިހާތަނަށް ސަފީއުއްދީން އާ ބެހޭގޮތުން ހިޒްބުﷲއިން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

އިޒްރޭލުގެ ލެފްޓިނަންޓް ކާނަލް ނަދަވް ޝޮޝާނީ ހުކުރު ދުވަހު ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ދިން ވައިގެ ހަމަލާތައް އަދިވެސް ދަނީ ވަޒަންކުރަމުން ކަމަށާއި، އެ ހަމަލާތައް އަމާޒުކުރެވުނީ ހިޒްބުﷲގެ އިންޓެލިޖެންސް މައި މަރުކަޒަށް ކަމަށެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި އިޒްރޭލުން ދެމުންދާ ބާރުގަދަ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެ، ހިޒްބުﷲގެ ލީޑަރޝިޕް އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ސެޕްޓެމްބަރު 27 ގައި ވައިގެ ހަމަލާއަކުން އަވަހާރަކޮށްލި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ނަސްރުﷲ ހިމެނެއެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ލުބުނާނުގައި ކުރިއަށްގެންދާ ހަނގުރާމަ އިތުރަށް ފުޅާކޮށް، އުތުރުގެ ސިޓީ ޓްރިޕޮލީއަށް ފުރަތަމަ ފަހަރަށް ހަމަލާ ދިންކަމަށް ލުބުނާނުގެ ސެކިއުރިޓީ އޮފިޝަލަކު ބުނެފިއެވެ.

މީގެ އިތުރުން ބެއިރޫތުގެ ބައެއް ސަރަހައްދުތަކަށް ބޮން އެޅުމާއެކު، ދެކުނުގައި އިޒްރޭލުގެ ސިފައިން ރެއިޑްތައް ވަނީ ފަށައިފިއެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ހިޒްބުﷲއާއެކު ބޯޑަރު ސަރަހައްދުގައި ބަދަލުކުރެވުނު ހަމަލާތަކަށްފަހު، އިޒްރޭލުން ވޭތުވެދިޔަ ހަފްތާތަކުގައި ލުބުނާނަށް ބޮންއަޅަން ފަށައި، އިޒްރޭލު ސިފައިން ބޯޑަރު ހުރަސްކޮށް ލުބުނާނަށް ވަނީ އަރާފައެވެ.

އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކުގެ މަޤްޞަދަކީ އުތުރު އިޒްރޭލުގައި ދިރިއުޅޭ ފަސްދޮޅަސް ހާހެއްހާ އިޒްރޭލު ރައްޔިތުން އެމީހުންގެ ގެތަކަށް ރައްކާތެރިކަމާއެކު އަނބުރާ ގެނައުމެވެ. އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ގަދަކަމުން ހިފާފައިވާ އުތުރުގެ ސަރަހައްދުގައި ތިބި އިޒްރޭލުގެ ވަޒަންވެރިން ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދު ދޫކޮށް ވަނީ ނުކުމެފައެވެ.

ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުން ދެހާހާ ގާތްކުރާ އަދަދެއްގެ ލުބުނާނު މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުނާއި ކުޑަކުދިންނާއި ސިއްހީ އޮފިޝަލުން ހިމެނެއެވެ. އަދި ލުބުނާނުގެ 1.2 މިލިއަން މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާންޖެހި ރެފިއުޖީންނަށް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް