ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 17:59
ބިދޭސީންގެ އަތުން ފޭރުނު ދެމީހުން
ބިދޭސީންގެ އަތުން ފޭރުނު ދެމީހުން
ޕޮލިސް
ފޭރުމުގެ މައްސަލަ
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ފައިސާ ފޭރުނު ދެމީހުންގެ ބަންދު ދަމަހައްޓައިފި
ދެމީހުންގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ދައުވާ
މި ދެމީހުން ބަންދުކުރަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި

ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.

ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފި ނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، އެ ތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު (37) އަދި ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37) އެވެ. މި މައްސަލައިގައި ބިދޭސީ މީހާގެ އަތުން އެ ދެމީހުން ފޭރުނު ފައިސާ ވަނީ ހޯދާފައެވެ.

މި ދެމީހުންގެ ބަންދާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރުކުރުމުންވެސް ބަންދު ވަނީ ދަމަހައްޓާފައެވެ. އެގޮތުން 15 ދުވަހުގެ އިތުރު މުއްދަތެއް ދީފައިވެއެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ދައުވާއެވެ.

މި ދެމީހުން ބަންދުކުރަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް