ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 10:45
ސެން ޓީޗަރުންތަކެއް ކުއްޖަކަށް ކިޔަވައިދެނީ
ސެން ޓީޗަރުންތަކެއް ކުއްޖަކަށް ކިޔަވައިދެނީ
މިހާރު
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާއަށް ވަންނަ ދަރިވަރުން އިތުރުވެ، މި އަހަރު މުދައްރިސުންގެ ކޯސް ހަދާ 130 ދަރިވަރުން ފާހަގަކުރެވިފައިވޭ: މިނިސްޓަރު ޝަފީއު
މި އަހަރަކީ މުދައްރިސްކަމުގެ އެކި ދާއިރާތަކުގެ ކޯސްތަކަށް އެންމެ ގިނަ ދަރިވަރުން ވަންނަ އަހަރަށް ވާނެ
ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުން މަދުވުން
ގައުމު ކުރިއަރުވަން ބޭނުންވާނަމަ މުދައްރިސުންނަށް ދޭން ޖެހޭ ގަދަރާއި ޝަރަފު ދޭންޖެހޭ

ތައުލީމީ ދާއިރާއަށް ވަންނަ ދަރިވަރުން އިތުރުވެފައިވާ ކަމަށް، މިއަހަރު މުދައްރިސުންގެ ކޯސް ހަދާ 130 ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޓީޗަރސް ކޮންފަރެންސްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުދައްރިސުން މަދުވުން ކަމަށެވެ. އެހެންކަމުން މުދައްރިސުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ދާއިރާއަށް ދަރިވަރުން ނެރުމަށް ބާރު އަޅާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

އެގޮތުން މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް 120 ދަރިވަރުން ވެއްދުމަށް ޓާގެޓް ކުރި ނަމަވެސް މި އަހަރު މުދައްރިސްކަމުގެ ކޯސް ހަދާ 130 ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރަކީ މުދައްރިސްކަމުގެ އެކި ދާއިރާތަކުގެ ކޯސްތަކަށް އެންމެ ގިނަ ދަރިވަރުން ވަންނަ އަހަރަށް ވާނެ ކަމަށެވެ.

އިންޓަނޭޝަނަލް ޕާޓްނަރޝިޕް އެޖެންސީއެއް ކަމަށްވާ ޖީޕީއާއެކު ކުރެވުނު މަސައްކަތުން 5 މިލިއަން ޑޮލަރު އަޅުގަނޑުމެން ވަނީ ސެކުއަރ ކޮށްފައި. 5 މިލިއަން ޑޮލަރުގެ ތެރެއިން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންފައިވާ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް އަޅުގަނޑުމެން ވާނީ އެކަށީގެންވާ އަދަދެއްގެ ފައިސާ އެލޮކޭޓްކޮށްފައި. މި ޕްރޮގްރާމް ހިންގުމަށްޓަކައި މިނިސްޓްރީގެ ޓީމްތަކުންނާއި އަޅުގަނޑުމެން އޭލަވަލް ސްކޫލުތަކުގައި ކުރެވުނު މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިއަހަރު ޓާގެޓް ކަނޑައަޅާފައިވާ 120 ކުދިންނަށްވުރެ ގިނައިން 130 ކުދިން އަޅުގަނޑުމެން ވަނީ މިއަހަރު އަލަށް ޓީޗިން ހެދުމަށް ފާހަގަކުރެވިފައި.
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

މުދައްރިސުންގެ އަގުވަޒަންކުރަންޖެހޭ ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ ގައުމު ކުރިއަރުވަން ބޭނުންވާނަމަ މުދައްރިސުންނަށް ދޭން ޖެހޭ ގަދަރާއި ޝަރަފު، އިހުތިރާމާއި ލޯބި ދޭންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާ ގޮތުން، ރަނގަޅު އެޑިޔުކޭޝަން ސިސްޓަމް ގާއިމްވެފައިވަނީ އެގައުމުތަކުގެ މުދައްރިސުންނަށް ގަދަރާއި އިހުތިރާމް ދީފައިވާ ގައުމުތަކުގައި ކަމަށެވެ. މިއީ މިދާއިރާއަށް ވަންނާނެ ދަރިވަރުން އިތުރުވާނެ ވެސް ސަބަބެއް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް